ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމުގެ މާލިއްޔަތުން ވައްކަން ކުރި މީހުން ހޯދާނަން، ގާނޫނު އަރައި އެމީހުންނާ ހަމަކުރާނެ: ރައީސް ސޯލިހް

1

ގައުމުގެ މާލިއްޔަތުން ވައްކަން ކުރި މީހުން ހޯއްދަވާނެ ކަމަށާއި ގާނޫނު އަރައި އެމީހުންނާ ހަމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޖަލްސާގައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، މާލިއްޔަތުން ކޮށްފައިވާ ވައްކަމުގެ ފައިސާ ހޯދުމާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމުގެ އިތުރުން ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއްގެ ވައުދުތަކާ އެކުގައި ކަމަށެވެ. އެހެން ކަމުން ރައްޔިތުން އެމަނިކުފާނަށް އިތުބާރުކުރައްވައި ދެއްވި ވޯޓުގެ ސަބަބު އެމަނިކުފާމަށް ސާފު ކަމަށާއި މި ސަރުކާރު ހޮވުނީއްސުރެ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެވައުދުތައް ފުއްދަވަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތުގައި މިއަދު އުނދަގޫތަކެއް އެބަހުރި ކަމަށާއި އެހެން ކަމުން މަޖިލީހަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ މަޖިލީހެއް ނެތި އެކަންކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ލަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލު ވަނީ މަޖިލީހުން ފާސްނުވެފަ އެވެ. އެންމެ ފަހުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ރޭ ވިދާޅުވީ އެ ބިލު ގާނޫނު އަސާސީއާ ޚިލާފު ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަކީ އެޕާޓީން ކޯލިޝަން އެއްބަސްވުމާ ޚިލާފުވުން ކަމަށް ވިދާޅުވެ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއާ ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން ރޭ އިއުލާނުކުރައްވައިފަ އެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީން ވާދަ ނުކުރާ ދާއިރާތަކުގައި އެ ޕާޓީން ވާދަކުރާނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ވެސް ގާސިމް ރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟