ޚަބަރު

ރައީސްގެ ދެކަނބަލުން ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނު އަނބިކަނބަލުން ފަޒްނާ އަހުމަދު، އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތު ފަސްދާނުލާފައި ވަނީ އެކަމަނާގެ މިސާލެއް ނެތް ފަދަ ރަނިކަމާއި، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހުއެވެ.

ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާއި އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ އިތުރުން ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާނީގެ ޖަނާޒާއަށްފަހު އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވާލީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ ދެކަނބަލުން އިއްޔެ ވަނީ ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ތައުޒިޔާގެ މެސެޖްވެސް ލިޔުއްވާފައެވެ.

ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.