އެމެރިކާގެ އެހީގައި ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަންނަން ހަދާ "ޖީން ސީކުއެންސިން ޓެސްޓް" ކުރެވޭ ފެސިލީޓީއެއް ރާއްޖޭގައި ގާއިމުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާއިން ވަނީ އެ ފެސިލިޓީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެމެރިކާގެ ފަރާތުން އެ ފެސިލިޓީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔޫއެސްއެއިޑްގެ ގަވަނެންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަން އޮފީހުގެ ޑައިރެކްޓަރު ކެވިން ޑީންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ފެސިލިޓީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
އެމެރިކާގެ އެހީގައި އިމާރާތްކުރި އެ ފެސިލިޓީއަކީ 89،937 ޑޮލަރު ނުވަތަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ފެސިލިޓީއެކެވެ. އެ ފެސިލިޓީ ގާއިމުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދަށުން ހިންގާ ނެޝެނަލް ހެލްތު ލެބޯޓްރީ (އެންއެޗްއެލް) ގައެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ޔޫއެސްއެއިޑުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އަބަދުވެސް އެހީ ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ވެސް ޔޫއެސްއެއިޑުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެވިން ޑީން ވިދާޅުވީ ހެލްތު މިނިސްޓްރީއާ ހަވާލުކުރި ކޮވިޑް ވޭރިއަންޓް ދެނެގަތުމުގެ ފެސިލިޓީގައި ލެބޯޓްރީއަކަށް ބޭނުންވާ 100 އަށް ވުރެ ގިނަ އާލާތްތައް ހުންނާނެ ކަމަށެވެ. އަދި އެ ލެބޯރެޓަރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ވައިރަސްގެ "ޖީން ސީކުއެންސިން ޓެސްޓް" ހެދުމަށް ސާމްޕަލް ފޮނުވީ އިންޑިއާށެވެ.
ޔޫއެސްއެއިޑުން ވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ 400،000 ވުރެ ގިނަ ޑޯޒުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހު ފައިޒާގެ ވެކްސިންގެ 100،000 ޑޯޒު ހަދިޔާކޮށްފައިވާ އިރު، މިދިޔަ މަހު ޔޫއެސްއެއިޑުން ވަނީ 99،000 ފައިޒާ ވެކްސިންވެސް ހަދިޔާކޮށްފައެވެ.