ޚަބަރު

މައުމޫނާއި ނަޝީދު އަދި ގާސިމުގެ ލޭ ހުއްދަވާނެ ކަމަށް ތަސްލީމް ބުނި: ސިއްރު ހެކިވެރިޔާ

އަލީ ޔާމިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ލޭ ހުއްދަވާނެ ކަމަށް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މޭސްތިރިއެއް ކަމަށް ބުނާ ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމް ބުނެފައިވާ ކަމަށް ސިއްރު ހެކިވެރިޔަކު ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ ހަމަލާގެ ދެ މޭސްތިރިން ކަމަށް ބުނާ ތަސްލީމާއި އަލިމަނިކުގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާކޮށްފައެެވެ.

އެ މައްސަލާގައި މިއަދު އޮތީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ދެ މީހެއްގެ ހެކިބަސް ނަގައިފައެވެ. އެއީ ސިއްރު ހެކި 1، އަދި ސިއްރު ހެކި 5ގެ ހެކިބަހެވެ. ސިއްރު ހެކިވެރިވާ އެކެއް ހާޒިރުކޮށްފައި ވަނީ އަލިމަނިކާއި ތަސްލީމްގެ މައްޗަށް ހެކިބަސް ދިނުމަށެވެ. ސިއްރު ހެކިވެރިޔާ 5 ހާޒިރުކުރީ ހަމައެކަނި ތަސްލީމްގެ މައްޗަށް ހެކިބަސް ދިނުމަށެވެ.

ކޯޓުގައި ހެކިބަސް ދެމުން ފުރަތަމަ ސިއްރު ހެކިވެރިޔާ ބުނީ، 2016 ނުވަތަ 2017 ވަނަ އަހަރުން ފެށިގެން ތަސްލީމް ދަންނަ ކަމަށާއި ތަސްމީނާ އަލަށް ބައްދަލުވީ، ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ތަސްލީމާ ބައްދަލުވެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ވަނީ، ތަސްލީމަކީ އިސްލާމިކް ސްޓޭޓްސް (އައިއެސް)ގެ ފިކުރު ރާއްޖޭގައި ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެއް ކަމަށް ބުނެފައެވެ. އެގޮތުން ފޭސްބުކް އެކައުންޓެއް ހަދައިގެންވެސް އެ މަސައްކަތް ކޮށްފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ރާއްޖޭގެ ބިމަކީ ކުފުރުގެ ބިމެއް ކަމަށާއި ރާއްޖޭގައި އޮތީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، ދައުލަތުގެ ވެރިންގެ ލޭ ހުއްދަވާނެ ތަސްލީމް އޭނާ ކައިރީގައި ބުނި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އޭގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތަސްލީމް މަސައްކަތް ކުރި ދުވަސްވަރު އެ ތަނުގައިވެސް ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކޮށްފައިވާ ކަމަށް އެމްޕީއެލްގައި އުޅޭ ބައެއް އެކުވެރިން ބުނެފައިވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ހުކުމް އިއްވާފައިވާ އަހުމަދު އަދުހަމާއި އެ މައްސަލައިގައި ދައުވާ އުފުލައިފައިވާ މީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަށް ތަސްލީމް ކްލާސްތަކެއް ނަގައިދީފައިވާ ކަމަށާއި ހުޅުމާލޭގެ މިސްކިތެއްގައި ވަކި ޖަމާއަތް ހަދައިގެން އެމީހުން ނަމާދުކޮށްފައިވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ތަސްލީމަކީ އައިއީޑީ ހެދުމުގެ އެކްސްޕާޓެއް ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އަދި ނަޝީދަށް ދިން ހަމަލާގައި ގޮއްވާލި އައިއީޑީ ހެދުމަށް ތަސްލީމްގެ ފަންނީ ލަފާ ހޯދާފައިވާ ކަމަށް ހެކިވެރިޔަކު މީގެ ކުރިން ބުނެފައިވެއެވެ.

ހެކިބަސް ދެމުން ސިއްރު ހެކިވެރިޔާ 5 ކޯޓުގައި ބުނީ، އައިއެސްއަށް ތާއީދުކޮށް، އެ ފިކުރު ފެތުރުމަށް ތަސްލީމް މަސައްކަތްކޮށްފައިވާ ކަމަށާއި އެފަދަ ވާހަކަތައް އޭނާ ކައިރީގައިވެސް ދައްކާފައިވާ ކަމަށެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބަ އޮތެވެ. އެގޮތުން ތަސްލީމާ ދެކޮޅަށް ހުށަހަޅާފައިވާ ތިން ސިއްރު ހެއްކަކާއި އަލިމަނިކާ ދެކޮޅަށް ހުށަހަޅާފައިވާ ދެ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ