"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދެއަކުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓް ތަކަށް ފޯމް ހުށަހެޅި ފަރާތްތަކުން ހަމައެކަނި ފޯމުގައި ނަން ޖަހާލިކަމަށްޓަކައި ފްލެޓް ދީފައި އެބަހުރި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޖަލްސާގައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު، ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެތައް ހާސް ބަޔަކަށް ދީފަ އެވެ. ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގެން، ދެން އައި އިންތިގާލީ މަރުހަލާގައި އެކަން ވަނީ ވަކީން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންގޮސްފަ އެވެ. އެ ގޮތުން އެންމެ ފަހު ވަގުތު ދަންވަރު ހޭލާ ތިބެގެން ވެސް ފްލެޓް ލިޔުން އެތައް ހާސް ބަޔަކަށް ދީފައިވެ އެވެ.
އެ މައްސަލަތަކުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި އޮތުމުގެ ސަބަބުން އެކަން ބެލުމަށް ރައީސް ސޯލިހު އެކުލަވައިލެއްވި ކޮމެޓީން ވަނީ މައްސަލަ ދިރާސާކޮށް ކަމާ ގުޅޭ ގިނަ މައުލޫމާތު ތަކެއް ހިއްސާކޮށްފަ އެވެ. އެ ގޮތުން ފެލްޓެ ލިބޭނެ ކަމުގެ ލިޔުން ދޫކުރުމާއި ފޯމް ބަލައިގަތުމާއި މާކްސް ދިނުން ފަދަ ކަންކަމުގައި އެއްވެސް އިންސާފެއް އަދި ހަމަހަމަކަމެއް ނެތް ކަމަށް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.
ފްލެޓް ލިބުނު މީހުން އެނގޭނެ ގޮތަށް ދާދި ފަހުން ރައީސް އޮފީހުން ވަނީ ލިސްޓު އާންމު ކުރައްވައިފަ އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ މަސްލަހަތު ހުރި މީހުންނަށާއި އެ މީހުންގެ އާއިލާގެ މެންބަރުންނަށް ވެސް ވަނީ ގިނަ ފްލެޓް ތަކެއް ލިބިފަ އެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން ވަނީ އެ ފްލެޓްތައް ލިބިފައި ވަނީ ހައްގު ގޮތުގައި ކަމަށް ބުނެފަ އެވެ.