ހިޔާ ފުލެޓް ލިބުނު ސިފައިންނަށް، ސިފްކޯއިން ފުލެޓް ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ހިޔާ ފުލެޓް ލިބުނު ސިފައިންނަށް ވެސް ސިފްކޯ ފުލެޓް ހަވާލުކޮށްފިއެވެ.
ސިފްކޯ ފުލެޓުތައް ލިބޭ ސިފައިން 2014 ވަނަ އަހަރު ކަނޑައަޅައި ޑައުންޕޭމަންޓްގެ ގޮތުގައި 91،000 ރުފިޔާ ދައްކާފައިވަނިކޮށް، ހިޔާ މަޝްރޫއުގެ ދަށުން އިތުރު ފުލެޓެއް ލިބުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ ހިޔާ ފުލެޓް ލިބުނު މީހުންނަށް ސިފްކޯއިން ފުލެޓް ނުދިނުމަށް އެއިރު ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން ހިޔާ ފުލެޓުން އަދި ސިފްކޯއިން ވެސް ލިބުނު ސިފައިންގެ ދެ މީހަކު ވަނީ ސިފްކޯއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ވަނީ ހިޔާ ފުލެޓް ލިބިފައިވީ ނަމަވެސް އެ ދެ މީހުންނަށް ސިފްކޯއިން ވެސް ފުލެޓް ދިނުމަށް ނިންމައިފައިވާ ކަމަށެވެ. ހުކުމުގައިވާ ގޮތުން ސިފްކޯގެ ފުލެޓް އެ ދެ މީހުންނާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެހެންވެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ފުލެޓް ދޭން ސިފްކޯއިން ނިންމުމުން އެ ދެ މީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.
ސިވިލް ކޯޓުގެ ހުކުމުގެ އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް އެމްއެންޑީއެފުން މިއަދު ބުނީ ހިޔާ މަޝްރޫއުން ފުލެޓް ލިބުނު މީހަކަށް ސިފްކޯއިން ފުލެޓް ދޫކޮށްފައި ނުވާނެ ކަމަށެވެ.