ޚަބަރު

ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާއި އެލިއާ ގުޅިގެން ދިވެހި މެކޭނިކުން ތަމްރީނުކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފިއެވެ.

މި ޓްރެއިނިންއަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީން ޖަޕާނުގައި އާންމު ގޮތެއްގައި ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ޔަމަހާ ބޮރޯންޒް ލެވެލްގެ ޓްރެއިނިންއެކެވެ.

ރާއްޖޭގައި ޔަމަހާ އިންޖީނު ސާވިސްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިމަހުގެ 29 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމުލަ 18 މެކޭނިކުން ބައިވެރިވެއެވެ.

ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކަކާއެކު ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނީ ޔަމަހާގެ އިރުޝާދާއެކު ޔަމަހާ ސާޓިފައިޑް އަދި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ އެލިއާގެ ސީނިއާ މެކޭނިކުންގެ ޓީމަކުން ކަމަށެވެ.

އެލިއާއިން ބުނީ، މިފަދަ ޓްރެއިނިންތަކުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުތަކަށް ވިދުން ގެނެސްދިން ޔަމަހާ އައުޓްބޯޑް އިންޖީނުތަކުގެ ސާވިސް، ހުނަރުވެރިކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ޔަމަހާއާއި އެލިއާގެ ގުޅުމަށް 48 އަހަރު ފުރިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ޔަމަހާގެ ތަފާތު ޓްރެއިނިންތަކުގައި ބައިވެރިވެފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދައިފައެވެ. އަދި ކޮންމެ ވަގުތަކުވެސް އިންޖީނުތަކުގެ ސްޕެއާ ޕާޓްސް ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު އެލިއާއިން ލިބުމަކީ ޔަމަހާގެ ކަސްޓަމަރުންގެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެލިއާއިން ބުނީ އެ ކުންފުނީގެ އުންމީދަކީ މިފަދަ އިތުރު ޓްރެއިނިންތައް ރާއްޖޭގައި ތިބެ ހާސިލުކުރުމުގެ ފުރުސަތު ވީހާވެސް ގިނަ މެކޭނިކުންނަށް ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ އިތުރު ޓްރެއިނިންތައް ކުރިއަށް އޮތްތަނުގައިވެސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.