ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެޖެންޑާ 19 އަކީ މަޖިލިސް ހިންގަން ޖެހޭ ގޮތަށް ހިންގުމަށް ތައްޔާރުކުރެވިފައިވާ ފުރިހަމަ ދެލިކޮޕީއެއް: ރައީސް

އެމްޑީޕީގެ އެޖެންޑާ 19 އަކީ ރައްޔިތުންގެ މަޖިލިސް ހިންގަން ޖެހޭ ގޮތަށް ހިންގުމަށް ތައްޔާރުކުރެވިފައިވާ ފުރިހަމަ ދެލިކޮޕީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކެންޑިޑޭޓުން ކެމްޕޭން ލޯންޗު ކުރުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ބަދަލުތަކާއި އިސްލާހުތަކާއި އަދި ހެޔޮ ވެރިކަމާއި ރައްޔިތުންނާ ގުޅޭ އެތައް ކަމެއް އެންމެ ފުރިހަމައަށް ތަސްވީރުކޮށްފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 ގައި ކަމަށެވެ.

"މިހާތަނަށް މި ދެންނެވުނު ބަދަލުތަކާއި އިސްލާހުތަކާއި އަދި ހެޔޮ ވެރިކަމާއި ރައްޔިތުންނާ ގުޅޭ އެތައް ކަމެއް އެންމެ ފުރިހަމައަށް ތަސްވީރުކޮށްފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 ގައި ކަން އަޅުގަނޑު ފާހަގަކުރަން. އެޖެންޑާ 19 އަކީ ރައްޔިތުންގެ މަޖިލިސް ހިންގަން ޖެހޭ ގޮތަށް ހިންގުމަށް ތައްޔާރުކުރެވިފައިވާ ފުރިހަމަ ދެލިކޮޕީއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހަކަށް ވާން އެބަޖެހޭ ކަމަށާއި އެކަން ކުރެވޭނީ ބަދަލުތަކަށް އެދޭ، އެކަން ގަބޫލުކުރާ، އެކަމުގެ ވައްޓަފާޅި ލިބިފައިވާ މެމްބަރުން ތިބެގެން ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ މިކަން ފުރިހަމައަށް ހިތުގެ އަޑިން ގަބޫލުކުރާ ބޭފުޅުން ކޮޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.