ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އިލްމާސްކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކެންޑިޑޭޓުން ކެމްޕޭން ލޯންޗު ކުރުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން އަންހެނުންނަށް މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީއާއި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ދޭ ގޮތަށް އިއްޔެ އަޅުގަނޑު ވާނީ ހަމަޖައްސާފައި. މި ބަދަލު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ގެނައުމަށް އަޅުގަނޑު މިރޭ އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިމަގުގައި މި ސިޔާސަތު ފުރިހަމަވާނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެވިގެން ކަމަށާއި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އެ ބަދަލުތަކުގެ ތަސައްވަރުގައި ކުލަ ޖެއްސުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.