ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކޯލިޝަނުން ކަންކަން ނިމިގެން ދިޔައީ އުއްމީދު ކުރި ގޮތަށް ނޫން ކަމަށާއި އެގޮތަށް ކަންތައް ދިމާވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިރޭ މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލްހާން ވިދާޅުވީ ކަންތައް އެގޮތަށް ވެފައިވަނީ ރައީސް ނަޝީދު ހަމައެކަނި ވަކި ޕާޓިއަކަށް ބޮޑު ބައި ނަގަން ހަދައި އަމިއްލަ އެދުންފުޅު އިސްކުރެއްވުމުން ކަމަށެވެ.
"މިއީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއް ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް،" އޭނާ ވިދާޅުވިއެވެ.
އަދި ހުންނަވާނީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކުގައި ކަމަށާއި އިންތިހާބަށް ކުރިމަތިލައްވަނީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކުގައި ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ މަޖިލީހަށް ކުރިމަތިލެއްވުމުގެ ކުރީން ރައީސް ސޯލިހާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.