އިބްރާހިމް ޒަކީ
ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި މަސައްކަތްކުރާ ތަންތަނަށް ގެންނަ ބިދޭސީންގެނައުމަށް ދައްކަންޖެހޭ ޑިޕޮސިޓްގެ ގޮތުގައި، 100 މިލިޔަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި، ކުންފުނިތަކާބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެވޭނެ ކަަމަށް އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ ޒަމާންވީ، ކުންފުނިތަކުގެ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
އެ ބިލު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އެ ބިލަށް ގެންނަ އިތުރު އިސްލާހެއްގެ ގޮތުގައި ހުށަހެޅި އެ އިސްލާހާބެހޭ މައުލޫމާތު މިނިސްޓަރު ވަނީ މެންބަރުންނަށް އޮޅުން ފިލުވައި ދެއްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީން ގެނައުމަށް ނަގާފައިވާ ޑިޕޮސިޓް ފައިސާއަކީ މީގެ ވިއްސަކަށް އަހަރުންފެށިގެން ނަގަމުން އައި ފައިސާ ކަމަށާއި، ސަރުކާރުގެ ދޯދިޔާކަމުން އެތަކެތި ނުދީ ހުރުމުގެ ސަބަބުން އެއީ ކާކުގެ ކޮން އެއްޗެއްކަން ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އެއީ އެކި އިރުއިރު ބޭރުމީހުން ގެނައުމަށް ނަގާފައިހުރި ޑިޕޮސިޓް، ސަރުކާރުގެ ދޯދިޔާކަމުން އެ އެއްޗެއްސަކީ ކާކުގެ އެއްޗެއްސެއްކަމެއް، އެ ފައިސާ ދެވިއްޖެތޯ ނުދެވިއްޖެތޯ، ސާފުކޮށް އެނގޭކަށެއް ނެތް، އެހެންކަމުން މަސައްކަތް ފެށީ އެކަން އެންމެ އިންސާފުވެރި ގޮތެއްގައި ކުރަން، އެކަމަށް މިޖެހެނީ ސަރުކާރުން ދިން ރިސިޕްޓްތަކާ އެއްޗެހި ގެންނަން އާއްމު ރައްޔިތުމީހާކައިރީގައި ބުނަން، އެހެންބަލާއިރު އެއީ އިންސާފުވެރި ގޮތެއް ކަމަކަށްވެސް ނުފެނުނު އެއީ 20 އަހަރު ވަންދެން މީހަކު ކިހިނެއްތޯ ރިސިޕްޓްތައް ހިފައިގެން އުޅޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އެ ފައިސާއަކީ ސަރުކާރުތަކުން ނުދީ އޮތް އޭގެ ވެރިފަރާތްތަކުގެ ހައްގެއް ކަމާއި، އެއީ އެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާއެއް ކަމަށެވެ.
"މިިއީ ބަރާބަރަށް ދޭންޖެހޭ އެއްޗެއް ސަރުކާރުތަކުން ނުދީ މިތިބީ، އެހެންވީމަ އެއީވެސް ރަނގަޅު ގޮތަކަށް ނުވާތީ އަޅުގަނޑުމެން އޮޑިޓާ ޖެނެރަލް މެދުވެރިކޮށް ފުރަތައިނުން އޮޑިޓެއްހަދަން މަސައްކަތްކުރީ، އެއަށްފަހު އޮޑިޓާޖެނެރަލް ވިދާޅުވީ، އެކަން ސާފުވާ މިންވަރަށް އެއްވެސް ޑޮކިއުމެންޓެއް އެއްވެސް މުއައްސަސާއަކު ނެތޭ،"
އެއަށްފަހު ޑިޕޮސިޓް ފައިސާ ބޭނުންވާ ފަރާތްތަކަށް އެކަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެ ފަރާތްތަކުން ހުށަހެޅި ތަކެއްޗަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އުވާލާފައިވާ ކުންފުނިތަކުން، ބޭރުމީހުންގެ ޑިޕޮސިޓްގެ ގޮގައި ބަހައްޓާފައިހުރި ފައިދާއަކީ ދައުލަތުގެ ތަކެތި ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވި ކަމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ އެ ތަކެތި ބަހައްޓާފައިވާ މީހުންގެ ހައްގެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މިސާލަަކަށް އެކުންފުންޏެއް ދަރައިގެން ދައްކަންޖެހޭ ފައިސާ ފަހަރެއްގައި ޑިޕޮސިޓްގައި ހުރެދާނެ، އެހެންނަމަވެސް ނުދެއްކި އޮވެ އެކުންފުނި އުވައިލީ، ދެން އަޅުގަނޑު އެ ފައިސާދޭން ބަލާއިރު ކުންފުނި މިއޮތީ އުވާލައި ހުރިހާކަމެއް ނިމިފަ، އެެހެންވީމަ ދެން މިފައިސާއަށް ވާނީ ކިހިނެއްހޭ، ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ އެއީ ދައުލަތުގެ އެއްޗެކޭ، އަޅުގަނޑޫ ގަބޫލެއް ނުކުރަން، އަދި އެ ފައިސާ ނުދީ އަޅުގަނޑުމެން އަމިއްލައަށް އެތައް ދުވަހަކު ހިފެހެއްޓުމަށްފަހު ކުންފުނި އުވުމުން އެއީ ދައުލަތުގެ އެއްޗެކޭ ބުނުމުގެ ހައްގެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
އެހެންކަމުން އެގޮތަށް މާކުރން އުވާލާފައި ހުންނަ ދޭންޖެހޭ ޑިޕޮސިޓް ފައިސާ ލިބިދިނުމަށް މި ގާނޫނުން ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި އެކުންފުނި އުވިގޮސް ކުުންފުނީގެ ވެރިން ދުނިޔޭގައި ނެތްނަމަ އެ ފައިސާ އޭނާގެ ވާރިސުންނަށް، ވެސް މި ގެންނަ އިސްލާހުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެކި އިރު އެކި ތަންތަނުން ޑިޕޮސިޓް ފައިސާ ނެގުން ކުރިއަށް ގެންދިޔަކަން ފާހަގަ ކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ "ތިން ފަންޑެއް އެބައުޅޭ، އެއީ މިހާރު އޮންނަ އެކްސްޕެޓް ފަންޑު، އޭގަ އެއްވެސް މައްސަލައެއް މައިގަނޑު ގޮތެއްގައި ނެތް، ބަރާބަރަށް މެއިންޓެއިން ކުރެވިފައި ހުރީ، އޭގެ ކުރިއަށް އިމިގްރޭޝަނުން ގެންގުޅުނު އިރުގެ ބަޔަކާ، އަދި ކުރީގެ ލޭބާ މިނިސްޓްރީ އާއި، މީރާއިން ކުރިއަށްގެންދިޔަ ފަންޑަށް ބަލާއިރު 100 މިލިޔަނެއްހާ ރުފިޔާ އެބަހުރި، އެ ފައިސާ ހޯދުމަށް ހުޅުވާލުމާ ގުޅިގެން އެޕްލިކޭޝަންވެސް ދާދި އެހާކަންހާވަރުގަ އެބައުޅޭ،"