އިމާދު ލަތީފު
އިނގިރޭސި ރަސްކަމަށް ގާތްގަޑަކަށް ބާރަސަތޭކަ އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި މިހާތަނަށް 61 ބޭފުޅަކު އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވައިފިއެވެ. މީލާދީން 8 ވަނަ ސައްތައިގެ ތެރޭގައި ވެސެކްސް ޚާންދާނުގެ ރަސްކަން ފެށުނު ހިސާބުން މިހާތަނަށް ހުރިހާ ވައްތަރެއްގެ ރަދުންނާއި ރަނިން ވަނީ ފެނިފައެވެ. މިވަގުތު ރަސްކަމުގައި އެ އިންނެވި ޗާލްސްއަކީ 61 ވަނަ އެވެ. ރާނީ އަވަހާރަވެގެން އުމުރުފުޅުން 73 އަހަރުގައި ރަސްކަމަށް ވަޑައިގެންނެވި ޗާލްސްއަށް މިހާރުވެސް ދެ ރިކޯޑެއް އެބައޮތެވެ. އެންމެ މުސްކުޅި އުމުރުގައި ރަސްކަމަށް ވަޑައިގަތުމާއި އެންމެ ގިނަ ދުވަހު ރަސްކަމުގެ އިންތިޒާރުގައި ހުންނެވުމުގެ ރިކޯޑެވެ. އެއީ މިހާތަނަށް ގާއިމް ކުރެއްވި ރިކޯޑުތަކެވެ. އެފަދަ ކިތަންމެ ރިކޯޑުތަކެއް ޗާލްސްގެ ނަންފުޅާއި ގުޅިގެން އަދި އަންނާނެއެވެ.
ރަސްމީގޮތުން ތަޚުތުގައި ޗާލްސް ވެޑުވުމާއި އިސްތަށިފުޅުގައި ތާޖު ބެހެއްޓެވުމުގެ ރަސްމީ ހަފުލާ އަދި ނުބާއްވައެވެ. މިއީ ވަރަށްވެސް ކުލަގަދަކޮށް ބާއްވާ ވަރަށްވެސް ބޮޑު ހަފުލާއެކެވެ. ބޭންކުތަކާއި ސްކޫލްތަކާއި ވިޔަފާރިތައްވެސް އެދުވަހު ބަންދުކުރާނެއެވެ. މި ހަފުލާ ބާއްވާނީ ރާނީ އަވަހާރަވުމުގެ ހިތާމަތައް ފިލައިދިޔުމުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެފަހުން އިނގިރޭސި ތަޚުތުގައި ރެދަލިކުރެއްވި އެލިޒަބަތު ދެވަނަ ރަނިކަމަށް އިސްވެވަޑައިގަތުމުގެ ރަސްމީ ހަފުލާ ބޭއްވުނީ އެކަމަނާގެ ރަނިކަން ފެށުނުތާ ދޮޅުއަހަރު ފަހުންނެވެ. މިއީ އެބީދައިން ހިނގާ ކަމެކެވެ. ޗާލްސްގެ ކޮރޮނޭޝަން ހަފުލާ ބޭއްވުމަށް ވަކި ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. އެދުވަހަކީ އަނެއްކާވެސް އިތުރު އައު ރިކޯޑެއް ޗާލްސްގެ ފަރާތްޕުޅުން ގާއިމްވާނެ ދުވަހެކެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްމީކޮށް ބޭފުޅަކު ވެޑުވުމާއި އެބޭފުޅެއްގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވުމުގެ ރަސްމީ ހަފުލާ ފާއިތުވި 900 އަހަރުގެ ތެރޭގައި ބާއްވަމުން އަންނަނީ ލަންޑަނުގެ ވެސްޓްމިންސްޓަރ ފައްޅީގައެވެ. ޗާލްސް ވެވަޑައިގަންނަވާނީ އެތަނުގައި ތާޖު ބެހެއްޓެވޭ 41 ވަނަ ރަސްގެފާނު ކަމުގައެވެ. އޭނާގެ އިސްތަށިފުޅުގައި ސެންޓް އެޑްވަޑްގެ ތާޖު ބަހައްޓަވައި ދެއްވާނީ ކެންޓަބަރީގެ ބޮޑު ފާދިރީއެވެ. މިއީ އިނގިރޭސިވިލާތުގެ އެންމެ އިސް ފާދިރީއެވެ. މިވަގުތު ކެންޓަބަރީގެ ބޮޑު ފާދިރީގެ މަގާމުގައި ހުންނެވީ ޖަސްޓިން ވެލްބީއެވެ. ރަސްކަމުގެ ތާޖު ނުވަތަ ސެންޓް އެޑްވަޑްގެ ތާޖަކީ މީލާދީން ތޭރަވަނަ ސައްތައިން ފެށިގެން މިކަމަށް ބޭނުން ކުރަމުން އަންނަ ރަސްމީ ތާޖެވެ. މިއީ ވަރަށް ބޮޑަށް ދީނީ ކުލަވެސް ޖެހިފައި އޮންނަ ހަފުލާއެކެވެ.
ޗާލްސްގެ ކޮރޮނޭޝަން ހަފުލާއަކީ އިނގިރޭސިވިލާތުގައި 70 އަހަރުގެ ތެރޭގައި ބާއްވާ މިފަދަ ފުރަތަމަ ހަފުލާއެވެ. އެހެންވީމާ ވަރަށްވެސް ކުލަގަދަވާނެއެވެ. ބޭރު ގައުމުތަކުގެ ލީޑަރުންނާއި އިނގިރޭސި ދައުލަތުގެ އެކިގޮފިތަކުގެ ވެރިންނާއި ޗާލްސްގެ އާއިލާގެ އެންމެހައި މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ޗާލްސްގެ އާއިލާގައި މީގެ ކުރިން އިނގިރޭސި ރަސްކަމާއި ރަނިކަމަށް ވަޑައިގެންނެވި އެއްވެސް ބޭފުޅެއްގެ އާއިލާގައި ނުހިމެނޭ ޒާތުގެ ދެ މެންބަރަކު އެބަހިމެނެއެވެ. އެއީ ދޮންކުދިންނެވެ. އިނގިރޭސި ރަސްކަމުގެ ދިގު ތާރީޚުގައި އަދި ދުވަހަކުވެސް ދޮންކުދީންގެ ހާޒިރުގައި އައު ރަސްކަލެއްގެ ކޮރޮނޭޝަން ހަފުލާ ނުބޭއްވެއެވެ. އެކަމަކު ކިންގް ހެންރީއާއި ކުއީން މޭރީ ފަދަ ބޭފުޅުންނަށް ފަހުން ދޮންކުދީން ލިބިވަޑައިގެންނެވިއެވެ.
ކުރީގެ ދެތިން ރަސްކަލަކާއި ރާނީއެއްގެ ދޮންކުދީންނަކީ އެބޭފުޅުން ތަޚުތަށް ވަޑައިގެންނެވުމުގެ ފަހުން ވީދޮނެކެވެ. ޗާލްސްގެ ދޮނަކީ ތަޚުތު ލިބިވަޑައިގަތުމުގެ ކުރިން ވެފައިވާ ދޮނެކެވެ. ރަސްކަލަކަށް ވުމުގެ ކުރިން ޗާލްސްވަނީ ދޮންބައްޕަޔަކަށް ވެފައެވެ. ޗާލްސްގެ ކޮރޮނޭޝަން ހަފުލާގައި އޭނާގެ ދޮންކުދީން ބައިވެރިވާނެކަމީ މުޅީން ޔަގީން ކަމެކެވެ. ޗާލްސް އާއި ކެމީލާ 2005 ވަނަ އަހަރު ކައިވެނި ކުރެއްވިފަހުން ޗާލްސްގެ ދޮންކުދިން އަބަދުވެސް ޝާހީ ހަފުލާތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. ކެމީލާގެ ދެކުދިން ބައިވެރިނުވާ ހަފުލާއެއްގައި ކެމީލާގެ ބައިވެރިވުމެއް ނޯންނާނެއެވެ. ކެމީލާއަކީ މިހާރު ކުއީން ކޮންސޯޓެވެ. ކޮހިނޫރު އަލިމަސްޖެހި މަޝްހޫރު ތާޖު އަޅުއްވައިގެން ކުއީން ކޮންސޯޓްގެ ހައިސިއްޔަތުން ކެމީލާ ވަޑައިގެން ނެތީސް ކޮރޮނޭޝަން ހަފުލާއެއް ނުބޭއްވޭނެއެވެ.
އިނގިރޭސި އައު ރަސްގެފާނު ޗާލްސް ތިންވަނަޔަށް ދޮންބައްޕަ ކިޔާ ދެޒުވާނުންނަކީ ލައުރާޔާއި ޓޮމް އެވެ. މިއީ ޗާލްސްއަށްވުރެ ކުރިން އެންޑްރޫ ޕާކަރާއި ކުރެއްވި ކައިވެނިފުޅަކުން ކެމީލާއަށް ލިބިވަޑައިގެންފައިވާ ކުދިންނެވެ. ޕްރިންސެސް ޑަޔާނާއާއި ކުރެއްވި ކައިވެނިފުޅުން ޗާލްސްއަށް ލިބިވަޑައިގެންނެވި ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީވެސް ކެމީލާޔަށް ދޮންމަންމަ ވިދާޅުވާ ބީދައިންނެވެ. ޗާލްސްގެ ކޮރޮނޭޝަނަށްފަހު ދޮންކުދީންނަށް ޝާހީ ކޮންމެވެސް އިއްޒަތަކާއި ލަގަބެއް ދެއްވުމަކީވެސް ކައިރި ކަމެކެވެ. އެހެންވެއްޖެނަމަ އެއީވެސް އިނގިރޭސި ޝާހީ އާދަކާދަތައް ފޫވަައްޓަނިވި ކަމެއް ކަމުގައިވާނެއެވެ. މިހާތަނަށް އިނގިރޭސި ޝާހީ އާދަޔަކީ ދޮންކިޔާން ފުރުސަތުދޭން ޖެހިއްޖެނަމަ ރަސްކަންވެސް ދޫކޮށްލުމުގެ އާދައެވެ.