ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅާއިރު ކުޑަކުދިންގެ މަޝްވަރާ ހޯދުމަކީ މުހިންމުކަމެއް: ރައީސް

އަލީ ޔާމިން

ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ މަޝްވަރާ ހޯދުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

"ކްރޮސްރޯޑްސް މޯލްޑިވްސް"ގައި މިއަދު ފެށި ޗައިލްޑް ރައިޓް ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ނުކޮށް އަދި ކުޑަކުދިންނަށް ރަނގަޅު މާހައުލެއް ނެތި ގައުމުގެ މުސްތަގުބަލު ރަނގަޅު ގޮތުގައި ބައްޓަން ނުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ވުޖޫދުކުރި ކުޑަކުދިންގެ ގާނޫނުތަކާއެކު، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން ކުރާ މަސައްކަތަށް އުއްމީދެއް ލިބިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކިއެކި، ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ކުޑަކުދިން ބައިވެރިކޮށް އެކުދީންގެ ހިޔާލު ހޯދުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން މިހާރުވެސް ތައުލީމީ ދާއިރާގެ ސިޔާސަތުތައް އެކަށައަޅާއިރު، ދަރިވަރުންގެ ހިޔާލާއި މަޝްވަރާ ހޯދާކަމަށް ވިދާޅުވިއެވެ.

"މި ނޫން ދާއިރާތަކުންވެސް ސިޔާސަތުތައް އެކުލަވައިލުމުގައި ކުޑަކުދިން ބައިވެރިކޮށް، އެކުދިންގެ މަޝްވަރާއާއި ހިޔާލާއެކު ކުރިއަށް ދިއުމުން ހާސިލު ކުރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ބެލެވެނީ" ރައީސް ވިދާޅުވިއެވެ.

ދިރިހުރުމުގެ ހައްގާއެކު ކުޑަކުދިންނަށް ލިބިދޭން ޖެހޭ އެންމެ މުހިންމު ހައްގަކީ މައިންބަފައިންގެ ލޯތްބާއިއެކު ހެދިބޮޑުވުމުގެ ހައްގުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މައިންބަފައިންގެ ފަރާތުން ލިބިދޭންޖެހޭ ލޯބި ނުލިބި ބޮޑުވާ ކުދީންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އެހެންވެ، ގެވެށި ގުޅުންތައް ބަދަހިކުރުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މައިންބަފައިން އެންމެ ހާއްސަ އިސްކަމެއްދީގެން މިހާރު ކުރަންޖެހޭ އެއްކަމަކީ، މަސްތުވާތަކެތީގެ ވަބާއިން ކުދީން ރައްކާތެރިކުރުމުގެ މަސައްކަތް ކަމަށެވެ. ނޫންނަމަ އެތައް ކުށަކަށް ކުއްޖާ ހުށަހެޅި، ޒުވާން ދުވަސްވަރު ލިބެން ޖެހޭ އެތައް ހައްގަކުން އެކުދީން މަހްރޫމްވާ ކަމަށް ވިދާޅުވިއެވެ.