ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޓަރިކޮޅު ބަގުކުރަން އުޅުނު މައްސަލައެއް ފެންމަތިވި ދުވަސްވަރެއްގައި އޮކްޓޯބަރު 26، 2021 ގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހުއެވެ.
މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 31 އޮކްޓޯބަރު 2013 ގައެވެ. އެ މަގާމު މިހާތަނަށް އަދާކޮށްފައިވަނީ ހަލީމް އެކަންޏެވެ.
މަޖިލީހުން ބުނީ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާ ފަރާތަކީ 25 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށްވާން ޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހަކަށްވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 32،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ، ފޯނު އެލަވަންސަށް 1،000 ރުފިޔާ އަދި ޕާލިމަންޓްރީ ސާވިސް އެލަވަންސަށް 6،400 ރުފިޔާއާއެކު މަހަކު 43،400 ރުފިޔާ ލިބޭނެއެވެ.
ސާޖެންޓް އެޓް އާމްސްއަކީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތެވެ. އަދި މެމްބަރުންގެ ނަން ރިޔާސަތު އިއްވުމުން އެ މެމްބަރަކު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަކީވެސް އޭނާގެ މަސްއޫލިއްޔަތަކެވެ. ސާޖެންޓް އެޓް އާމަސްއަކީ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާއެވެ.
ސާޖެންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:
ސާޖެންޓް އެޓް އާމަސްގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އައިޑީ ކާޑުގެ ކޮޕީއަކާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި ލިބިފައިވާ މަސައްކަތުގެ ތަޖުރީބާގެ މައުލޫމާތު ލިޔުމުން މިމަހުގެ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން މަޖިލިސް އިދާރާއަށް ހުށަހަޅަން ވަނީ އެދިފައެވެ.