އައްޑޫ ސިޓީ ތަރައްގީކުރުމަށް ސަރުކާރުން 5.3 ބިލިއަން މަޝްރޫއެއް އެކުލަވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކެންޑިޑޭޓުން ކެމްޕޭން ލޯންޗު ކުރުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީ ވާނީ މާލެ ނޫން އެހެން ތަންތަން ވެސް ތަރައްގީ ކުރެވިގެން ކަމަށާއި މި ސަރުކާރުން އައްޑުއަށް ބޮޑު ތަސައްވަރެއް އޮތް ކަމަށެވެ. އަދި އައްޑޫގައި ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގުތިޞާދު ކޮޅަށް ޖަހައި، މުޅި ގައުމުގެ އިގްތިޞާދީ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އައްޑޫގެ ތަސައްވަރު ހާސިލްކުރުމަށް މިހާރު ސަރުކާރުން ވަނީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައި. މި މަޝްރޫއުގައި ހިމެނޭ ކަންކަމަކީ އައްޑުއަށް 8000 ޓޫރިސްޓު ބެޑް އިތުރުކުރުމާއި އައްޑޫގެ ބިން އިތުރުކުރުމާއި ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުމާއި އައްޑޫގައި 17 ކިލޯމީޓަރުގެ މަގު ހެދުމާއި މަސް ބަނދަރާއި ކަނޑުމަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް ތަރައްގީ ކުރުމާއި އައްޑޫގެ ކަރަންޓުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ހޯދައިދިނުމާއި އިޖުތިމާއީ ގޮތުން މި ސިޓީއަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް އަޅައި، ސްވިމިންގ ޕޫލާއި ފުޓްބޯޅަ ސްޓޭޑިއަމެއް މި ބިޔަ މަޝްރޫއުގައި ހިމެނޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ތަސައްވަރަކީ އައްޑޫ ސިޓީން އުފަންވެގެން އައި ތަސައްވަރެއް ކަމަށާއި އެމަނިކުފާނުގެ ދައުރަކީ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން ކަމަށެވެ.