ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިންކަން ކުރި ބޭރުގެ ދެ ބޯޓެއް ޖޫރިމަނާކޮށްފި

މުހައްމަދު އިޝާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާހިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ ދެ މަސްބޯޓެއް ޖޫރިމަނާކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، ޖޫރިމާނާކުރި ދެ މަސްބޯޓަކީ އެމްއެންޑީއެފްއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު އަތުލައިގަތް ދެ ބޯޓު ކަމަށެވެ.

މިނިސްޓްރީން ބުނީ، އޭގެ ތެރެއިން އެއް ބޯޓު 600،000 ރުފިޔާއިން ޖޫރިމާނާކޮށްފައިވާ ކަމަށެވެ. އެއީ ގަވާއިދާހިލާފަށް މަސްވެރިކަން ކުރުމުން ކުރި 500،000 ރުފިޔާގެ ޖޫރިމަނާ އާއި ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކުރި 100،000 ރުފިޔާގެ ޖޫރިމަނާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެ ވަނަ ބޯޓު ޖޫރިމަނާކުރީ 100،000 ރުފިޔާއިން ކަމަށާއި އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް މަސްވެރިކަން ކުރަން ވަނުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެ ދެ ބޯޓު ޖޫރިމަނާގެ ކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު އެ ބޯޓުތަކުގެ ވެރިފަރާތްތަކަށް ދީފައިވާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ ދެ ބޯޓުން ވެސް ޖޫރިމަނާގެ ފައިސާ ދައްކާފައިވާތީ، ރާއްޖެއިން ފުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މީގެ ކުރިންވެސް މަސްވެރިކަމުގެ ގާނޫނާ ހިލާފުވެގެން ބޭރުގެ އުޅަނދުތަކެއް ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ޖޫރިމަނާ ދެއްކި އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވާ އިރު، ޖޫރިމަނާ ނުދައްކާ ހަތަރު އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.