ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތައް މުއްދަތަށް ނުނިންމައި، މަޝްރޫއުތައް ހިންގުމުގައި މަކަރު ހަދައި އޮޅުވާލި 11 ކުންފުންޏެއް ސަސްޕެންޑުކޮށްފިއެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށްފަހު، އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަން ޖެހެއެވެ. ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލައި މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ.
އެ ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލައި މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެއެވެ. ފިނޭންސް މިނިސްޓްރީން ވަނީ އެފަދަ 11 ކުންފުންޏެއް ސަސްޕެންޑުކޮށް ކުންފުނިތަކުގެ ނަން އާއްމުކޮށްފައެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑުކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެއެވެ. އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ވެސް ހިމެނެއެވެ.
މިނިސްޓްރީން ބުނީ އެ ކުންފުނިތައް ސަސްޕެންޑުކޮށްފައިވާ މުއްދަތު އުވެންދެން އެ ކުންފުނިތަކަށް ސަރުކާރުން ކުރިއަށްގެންދާ ބީލަމެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި އެ ކުންފުނިތަކާ އެއްވެސް މަޝްރޫއެއް ހަވާލު ނުކުރެވޭނެ ކަމަށެވެ.