އެމްޑީޕީގެ ރައީސް އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޑީޕީގެ ރައީސްއެއްގެ ގޮތުގައި ގަބޫލުކުރައްވާ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެޕާޓީގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަމަށް އައީމަ އެންމެ މަތީ ބާރުވެރިކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަށް. އެހެންކަމަށްވާ ނަމަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ އެޕާޓީގެ އެންމެ އިސްވެރިޔަކީ،" ގާސިމް ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ މަތީ މަގާމަށް އެޕާޓީގެ ރައީސް ނޫން އެހެން މަގާމެއް އޮންނަ ކަމެއް އެނގިފައި ނުވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.