ޚަބަރު

ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ، ދޫކޮށްލަން ޖެހޭ: ގާސިމް

އަހުމަދު ޖައިޝަން

4

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި މިހާރުން މިހާރަށް އެމަނިކުފާނު ދޫކޮށްލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓެއްގެ އަލީގައި ހައްޔަރުކޮށް "ވާނުވާ"ގައި ޖަހާފައި ރައީސް ޔާމީން ހައްޔަރުގައި ނުބޭއްވޭނެ ކަމަށެވެ.

"އަޅުގަނޑުވެސް ދަންނަން އިންޓެލިޖެންސް ރިޕޯޓު ހަދާގޮތް. އަޅުގަނޑުގެ ކުރިމަތީގައި އިންޓެލިޖެންސް ރިޕޯޓު ހަދާފައި ދެ އޮފިސަރުން މާތްﷲ ގަންދީ ފަނޑިޔާރު ލައްވާ ހުވާ ލައިދިނީމައި އެ ހުވާގެ ދަށުން ހުވާކުރައްވާ ދޮގު ހަދާފައި ކަނޑައެޅިގެން ބަޔާން ދިނީ. އަޅުގަނޑުގެ ކުރިމަތީގައި ފަނޑިޔާރުގޭގައި،" ގާސިމް ވިދާޅުވިއެވެ.

އަދުލު އިންސާފު ލިބެން ޖެހޭނީ ހުރިހާ އެންމެނަށްވެސް ހަމަހަމަކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން އިންސާފުގެ މަގުން ޝަރީއަތް ހަމަހަމަގޮތުގައި އިންސާފު ގާއިމުކޮށް ގާނޫނު އަސާސީގައި ވާގޮތުގެ މަތީން ޝަރީއަތް ކޮށް ނިމުނީމާއި ދޭން ޖެހޭ އަދަބެއް ދޭންވީ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ވެރިޔަކީ ޖަލަށް ލާން ޖެހޭ މީހަކަށް ވެއްޖެއްޔާ މިއީ ވަރަށްބޮޑު އުނދަގުލެއް ދެއްތޯ؟ މިއީ ކޮންފަދަ ކަމެއްތޯ މިއީ؟،" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟