ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ އޮފް ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރު)ގެ ފަރާތުން ރާއްޖެ އައި ވަފުދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވަފުދު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބާ ބައްދަލުކުރައްވާފައިވަނީ ސުޕަވައިޒްނުކޮށް ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު އައިޖީއެމްއެޗުގައި އެޑްމިޓްކުރައްވާފައި ވަނިކޮށެވެ. އަދި ނައިބު ރައީސް އަދީބާ ބައްދަލުކުރައްވާފައިވަނީ މާފުށީ ޖަލުގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ ވަފުދުން ރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ދަތުރު ނިންމާލާފައިވަނީ އިއްޔެއެވެ. އެ ވަފުދުގައި ހިމެނެނީ އޯއެޗްސީއެޗްއާރުގެ ލޯ ޑިވިޝަންގެ ޗީފް އޮފް ރޫލް މޯނާ ރިޝްވާމީ އާއި އެސޯސިއޭޓް އެކްސްޕާޓް ޗިއާކީ އޯޓާ އެވެ.
އޯއެޗްސީއެޗްއާރު ވަފުދު ރާއްޖެ އައުމުގެ ބޭނުމަކީ އިންސާނީ ހައްގުތަކުގެ މަސައްކަތްތައް ރަނގަޅުކުރުމުގައި ސަރުކާރުން ކުރާ މަސައްކަތްތައް ބަލައި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.