ޚަބަރު

ރަސްމީކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށް، ސެނަހިޔާ އިން ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތްދޭން ފަށަނީ

ރަސްމީކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށް، ސެނަހިޔާ އިން ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތައްޔާރުވާން ފަށާފައިވާ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވެފައިވަނީ ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭގޮތުން ސިފައިންނާ މައުލޫމާތު ހިއްސާކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސެނަހިޔާ ހޮސްޕިޓަލުގެ ގޮތުގައި ނަން ދެވިފައިވީ ނަމަވެސް، މިހާރު އެތަން ހިންގަމުންދަނީ ކްލިނިކެއްގެ ގޮތުގައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި ސެނަހިޔާ އިން ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތްދޭން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކުރުމުގެ ގޮތުން ސީޓީ ސްކޭނާއި އެމްއާރުއައި ބެހެއްޓުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންނަށް ފެއްޓޭނެ. އުންމީދު މިކުރަނީ އިރާދަކުރެއްވިއްޔާ މިމަސް ނިމުމުގެ ކުރީގައި ސެނަހިޔާއަކީ ސިފައިންގެ މިލިޓަރީ ހޮސްޕިޓަލް ކަމުގައި ހުޅުވުން،" އޭނާ ވިދާޅުވިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މިހާރު ސެނަހިޔާގައި ސޮފްޓްވެއާއެއް ތައްޔާރުކުރަމުން އަންނަ ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ސޮޕްޓްވެއާގެ މަސައްކަތް ނިމިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެ ސްފްޓްވެއާ ތައްޔާރުކޮށް ނިމުމުން މޯބައިލް ފޯނުގައި އެޕްލިކޭޝަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.

"އުންމީދު މިކުރަނީ މި ސޮޕްޓްވެއަރ އަޅުގަނޑުމެން މޯބައިލް ފޯނުގެ އެޕްލިކޭޝަނަކުން ބޭނުންކުރެވޭނެ ކަމަށް. އެގޮތަށް ފަރުވާ ކުރެވެމުން މިހާރު މި ގެންދެވެނީ. ސްލިޕްގެ ވާހަކަ ދައްކާލި ނަމަވެސް، ވަރަށް ގިނަ އެހެން ހިދުމަތް ވެސް މިއަށް އިންކޯޕަރޭޓް ކުރެވޭ ގޮތަށް މި ސޮޕްޓްވެއަރ ޑިވެލޮޕް ކުރެވެމުން އެ އަންނަނީ. ނަންބަރު ނަގަން ފޯނު ކޮށްގެން، ފޯނު އެންގޭޖުވެގެން ނޫނިއްޔާ ފިޒިކަލީ ގޮސްގެން މި ކުރަން ޖެހޭ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މި ސޮޕްޓްވެއަރގެ ތެރެއިން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ އެ އެޕްލިކޭޝަނުން ސެނަހިޔާ އިން ހިދުމަތް ހޯދާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން އެ އެޕްލިކޭޝަނުން ކިޔު ތަރުތީބު ވެސް ބަލައިލެވޭނެ ކަމަށެވެ.