ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ހުމުގެ ރޯގާއެއް ފެތުރެމުންދާއިރު، އެއާއެކު ފާނަބަސަންދާއި ލޮލުރޯގާވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިހާރު ހަލުވިކަމާއެކު ހުމާއި، ރޯގާ، ފާނަބަސަންދު، ލޮލުރޯގާގެ އިތުރުން ޑެންގީ ހުމާއި، ހޭންޑް ފުޓް އެންޑް މައުތު އަދި ބޭރަށް ހިންގުމުގެ ބަލިވެސް އިތުރުވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މި ބަލިތައް ވީހާވެސް އަވަހަށް ދެނެގަނެ ފަރުވާ ހޯދުން މުހިންމު ކަމަށެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ހުން ޖެހިގެން ދައްކާ ކުދީންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. އަދި ޑެންގީ ޖެހިގެން ވަރަށް ބަލި ކުޑަކުދިންތަކެއް އެޑްމިޓުކޮށްފައި އެބަތިބި ކަމަށާއި މިސްކާއި ކޮވިޑުގެ އިތުރުން އަރިދަފުސް ރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު ޖެހޭ ކުދިންގެ އަދަދުވެސް އިތުރުވެއްޖެ ކަމަށެވެ.
އެހެން ކަމުން މި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބާވަތްތައް އިތުރުވެފައިވީ ނަމަވެސް، އޭގެ ތަފާސް ހިސާބަށް އެދިގެން އެ މައުލޫމާތު މި ހަބަރު ޝާއިއުކުރުމާއި ހަމަޔަށް ލިބިފައެއް ނުވެއެވެ.