ޕެނަލްޓީ ޝޫޓްއައުޓްގައި ކްލަބު ޓީނޭޖް ބަލިކޮށް، އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019ގެ ޗެމްޕިއަންކަން މަސްއޮޑި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ކުޑަހެންވޭރު ޓާފްގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީއެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ގެ ނަތީޖާއަކުން މަސްއޮޑިއާއި ޓީނޭޖް އެއްވަރުވެފައިވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މަސްއޮޑިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ.
އެ މެޗަށްފަހު ޗެމްޕިއަން ޓީމަށް އިނާމު ހަވާލުކޮށްދެއްވީ އަލްހާނެވެ. ޗެމްޕިއަން މަސްއޮޑިއަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ޗެއާމަން އަދި އަލްހާންގެ ކޮއްކޮ ޝަޒްބާން ފަހުމީ އިނާމު ހަވާލުކޮށްދެއްވި އިރު، ރަނަރަޕްކަން ހޯދި ޓީނޭޖަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 25،000 ރުފިޔާއެވެ.
ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސް ހޮވާފައިވެއެވެ.
އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހެމާން، އަލްހާން ވިދާޅުވީ އެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ވަރަށް އެކުވެރި މާހައުލެއްގައި މުބާރާތް ނިންމާލެވުނުކަމީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމަށްޓަކައި މުބާރާތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ފޯރިގަދަ އަދި އެހާމެ ޕްރޮފެޝަނަލް ފެންވަރެއްގައި ކުޅެވިގެންދިޔަ ފައިނަލް މެޗުގެ ކާމިޔާބީ ހޯދި މަސްއޮޑި ސްޕޯޓްސް ކްލަބަށް ފަށްފަށުން މަރުހަބާ ދަންނަވަން. ރަނަރަޕް ޓީމަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން ޖެހޭނެ ކޮންމެ ކަމެއްގައި ވެސް އެއްވަނައާއި ދެވަނަ އޮންނާނެކަން. ދެވަނައިން އެއްވަނައަށް އަންނަ ދުވަސް ވެސް އިރާދަކުރެއްވިއްޔާ އަދި އަންނާނެ،" އޭނާ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ މާހައުލު ތަންދިން މިންވަރަކުން މިކަހަލަ މުބާރާތްތައް އިންތިޒާމުކޮށްގެން ކުރިއަށްގެންދެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެކުވެރިކަމާއި އެއްބައިވަންތަ މާހައުލެއްގައި ހެންވޭރު އުތުރުގެ ޒުވާނުން އުޅޭނެ ކަމަށް އެދޭ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ޒުވާނުން އެއްބައިކުރުމަށް "އަލްހާން ސްޓީރީޓް ސޮކާ ކަޕް"ގެ ނަމުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ބޭއްވި މުބާތާރަކީ ޒުވާނުންނަށް ހާއްސަކޮށްގެން އަލްހާން ބޭއްވި މުބާރާތެކެވެ. ޖުމްލަ 33 ޓީމު ބައިވެރިވި އެ މުބާރާތް އިންތިޒާމުކުރީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ.