ޚަބަރު

އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހީމް މުހައްމަދަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއީދުކުރަން ނިންމައިފި

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، އަމިއްލަގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ މއ. ބާބުލްއަވާލީ އިބްރާހީމް މުހައްމަދަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާއިދުކުރުމަށް ނިންމައިފި އެވެ.

އެކަން އިއުލާނުކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް އިން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެކަމާ ގުޅޭގޮތުން ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ އަމިއްލަ ގޮތުން ބައިވެރިވާ އިބްރާހީމް މުހައްމަދަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާއީދުކުރައްވަން ނިންމާފައިވާ ކަމަށެވެ.

އިބްރާހީމް މުހައްމަދު އެ ދާއިރާއަށް ކުރިމަތިލައްވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އިންތިހާބުގައި ވާދަކުރައްވާ ދާއިރާއަކީ މައްޗަންގޮޅި މެދު ދާއިރާއެވެ.

އިބްރާހީމް ވިދާޅުވިގޮތުގައި އޭނާ މަޖިލީހަށް ކުތިމަތިލައްވަން ނިންމެވި މައިގަނޑު ސަބަބަކީ އިސްލާމްދީނަށް އަމާޒުވެގެން މިފަހަކަށް އައިސް އަންނަ ހަމަލާތައް ގިނަވުން ކަމަށެވެ.

"މި ފަހަކަށް އައިސް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް މި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެއީ ރޭވިގެން ކުރާކަމެއް. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވުނީ މި މަސައްކަތަށް ނިކުތުމުގެ ވަގުތު ޖެހިއްޖެ ކަމަށް." ޝެއިޚް އިބްރާހީމް ވިދާޅުވި އެވެ.