ޚަބަރު

އައްޑޫގައި އެކްސިޑެންޓުވި މީހާގެ ހާލު ސީރިއަސް، ވެންޓިލޭޓަރުގައި

ރިފާ ހަލީލު

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހު މި އެކްސިޑެންޓު ހިނގާފައިވަނީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކެރޭން ލޮރީއަކުން ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވީ ހިތަދުއަށް ނިސްބަތްވާ މުހައްމަދު އަހުމީމް ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ލޮރީން ޖެހުމުން އެމީހާ ބިންމައްޗަށް ވެއްޓުނެވެ. އެ ވަގުތު ލޮރީ އެމީހާގެ ގައި މަތިން ދިޔަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށާއި މިހާރު އެމީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ފަރުވާ ދެމުން އަންނަ އަހުމީމުގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށާއި އަދި ބޮލަށްވެސް ގެއްލުންވެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ވަނީ ބުނެފައެވެ. އަދި އޭނާގެ ފުއްޕާމެއަށާއި ހަށިގަނޑުގެ އިތުރު ތަންތަނަށްވެސް އަނިޔާވެފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.