ޚަބަރު

އަންހެނުންގެ ދުވަހު ރައީސް ސޯލިހު ދަތުރުކުރެއްވި ފްލައިޓުގައި 100 ޕަސެންޓް އަންހެން ކްރޫއެއް!

އަހުމަދު ޖައިޝަން

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދަތުރުފުޅު ކުރެއްވި މޯލްޑިވިއަންގެ ފްލައިޓުގައި 100 ޕަސެންޓު އަންހެން ކްރޫއެއް ހަރަކާތްތެރިވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސް އަންހެނުންގެ ކްރޫއެއް ހިމެނޭ ފްލައިޓެއްގައި ދަތުރުކުރެވުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.

އެމަނިކުފާނު އެ ދަތުރުފުޅަކީ މޯލްޑިވިއަންގެ ފްލައިޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ފްލައިޓުގައި ހަރަކާތްތެރިވި ޕައިލެޓުންނާއި ކޯޕައިލެޓުންގެ އިތުރުން ކެބިން ކްރޫއިންނަކީވެސް އަންހެނުންނެވެ. އަދި އެމަނިކުފާނު އައްޑުއަށް ވަޑައިންނެވި އިރު ގްރައުންޑް ސާވިސްގައިވެސް އެވަގުތު ހަރަކާތްތެރިވީ އެއާޕޯޓުގެ އަންހެން މުވައްޒަފެއް ކަން ފާހަގަކޮށްލެވެއެވެ.

ރައީސްގެ އެ ދަތުރުފުޅަކީ އައްޑޫ ސިޓީ ދާއިރާގެ އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނު މިހާރު އައްޑުއަށް ވަޑައިގެންފައިވާއިރު އެ ދަތުރުފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިންނަވައެވެ. ރައީސް ސޯލިހަށް އައްޑޫ ސިޓީން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ކެމްޕެއިން ލޯންޗް އިވެންޓް މިރެއަށް އެޖެންޑާކޮށްފައިވާއިރު އައްޑޫ ސިޓީގެ ހަތް ދާއިރާގައި ވާދަކުރައްވާ ކެނޑިޑޭޓުން ވާހަކަދައްކަވާނެއެވެ.

ކެމްޕެއިންގެ ތެރެއިން ގިނަ ހަރަކާތްތަކެއް ފެށުމަށް ހަމަޖެހިފައިވާއިރު މާދަމާ ހެނދުނު ހާއްސަ ދުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ.