ޚަބަރު

"ދިވެހި ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިއޮތް ބަދަހި ލަޝްކަރެއް"

ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް މިހެން ވިދާޅުވީ، ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭގޮތުން ސިފައިންނާ މައުލޫމާތު ހިއްސާކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައި ސިފައިންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ގާނޫނީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ފުރާނަ ދޭންޖެހުނު ކަމުގައި ވިޔަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މި ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ސިފައިންނާ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުންނާއި ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށްޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އޭގެ އިތުރުން ސިފައިންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކުގެ މައްޗަށާއި ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މި ޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ ވެލްފެއަރ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވަނީ ސިފައިންނާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އަދި ރޭގެ ޖަލްސާގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި، ދިވެހި ސިފައިން ގައުމަށްޓަކައި ކުރަމުންދާ އަގުހުރި ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.