އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމުގެ އަތުން ގަތް ކަމަށްބުނާ އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި، ޑޮލަރު ވިއްކައިދޭނެ މީހަކު ހޯދައިދިނުމަށް އެދި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާ ގުޅުއްވިއިރު އެތަނުގައި ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހެކިބަސް ދެމުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝާޑުގެ ހެކިބަސް ނެގުމުގެ ކުރިން މުހައްމަދު އިސްމާއީލްގެ ހެކިބަސް ނެގިއެވެ.
ހެކިބަސް ދެމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ފަނަރަ ސާޅީސް ދޭއްގެ ރޭޓުން ޑޮލަރު ގަންނާނެ މީހަކު ހޯދުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އޭނާއަށް ގުޅުއްވި ކަމަށެވެ. އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި ނަމަވެސް އެއީ ސީދާ ކޮން ދުވަހެއްކަން ދަންނަވަން ނުކެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމުގައި ރައީސް ޔާމީން ގުޅުއްވިއިރު، އޭނާގެ ކައިރީގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އިންނެވި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ގުޅުއްވުމާ ގުޅިގެން، ޑޮލަރު ހޯދުމަށް ވަގުތުން އެކި ރައްޓެހިންނާއި ވިޔަފާރިވެރިންނާއި މުއްސަނދިންނަށް ގުޅުއްވި ކަމަށާއި، އޭގެ ތެރޭގައި ޔޫސުފް ނައީމް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގައި ޔޫސުފް ނައީމާ ގުޅުއްވީ އޭނާއަކީ ކުޑައިރުގެ ގާތް ރައްޓެއްސަކަށް ވާތީ އާއި ޓޫރިޒަމް ދާއިރާގެ މީހުންނާ ގުޅުން އޮންނަ ފަރާތަކަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގައި ޔޫސުފް ނައީމާ ގުޅިއިރުވެސް އޭނާގެ ކައިރީގައި ޝާޑު ހުރި ކަމަށާއި، ނަމަވެސް އެއީ ކޮން ދުވަހެއް އަދި ކޮން އިރަކު، ކޮންތާކު ހުއްޓާކަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއީލްގެ ހެކިބަހަށްފަހު ޝަރީއަތުގެ މަޖިލީހަށް ޝާޑު ހާޒިރު ކުރުމުން، ހެކިބަސްދެމުން ބުނީ، ޑޮލަރު ވިއްކާނެ މީހަކު ހޯދަން ރައީސް ޔާމީން މުހައްމަދު އިސްމާއީލަށް ގުޅިގަން އެނގުނީ އޭނާ ބުނުމުން ކަމަށެވެ. ނަމަވެސް އެވަގުތު ހުރިތަނެއް އަދި އެއީ ކޮންވަގުތެއް ކަން ހަނދާންނެތް ކަމަށް އޭނާވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ގުޅުއްވުމުން ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް މުހައްމަދު އިސްލާއީލް ހަތަރު ފަސް މީހުންނަށްވުރެން ގިނަ މީހުންނާ ގުޅި ކަމަށާއި އޭގެ ތެރޭގައި ޔޫސުފް ނައީމު ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާބުނީ އެކަން ވެސް އެނގުނީ މުހައްމަދު އިސްލާއީލް ބުނުމުން ކަމަށެވެ. ޑޮލަރު ވިއްކާނެކަމަށް ޔޫސުފް ނައީމު ބުނުމުން އެވާހަކަ ރައީސް ޔާމީނަށް ދެންނެވިކަން އެނގުނީވެސް މުހައްމަދު އިސްމާއީލް ބުނުމުން ކަމަށް އޭނާ ބުންޏެވެ.
ރައީސް ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ޑޮލަރުގެ މުއާމަލާތް ހިންގިކަން އެނގުނީ، އޭގެ ދުވަސްކޮޅެއް ފަހުން ޔޫސުފް ނައީމާ ބައްދަވުމުން އެ މުއާމަލާތާބެހޭގޮތުން ކުރި ސުވާލާ ގުޅިގެން ޔޫސުފް ނައީމު އެވާހަކަ ކިޔައިދިނުމުން ކަމަށްވެސް ޝާޑު ވިދާޅުވިއެވެ.
"އޭގެ ދުވަސްކޮޅެއް ފަހުން އަޅުގަނޑާ ޔޫސުފް ނައީމާވެސް ބައްދަލުވި ދެން އަޅުގަނޑު ޔޫސުފް ނައީމުކުރެން އަހައިލިން ޑޮލަރު ކަންތައް ކިހިނެއްތޯ ދިޔައީ، ދެން ޔޫސުފް ނައީމު ވިދާޅުވި އެއް މިލިޔަން ޑޮލަރުގެ މުއާމަލާތް ހިނގިކަމަށް އަދި ހަމަ އެބޭފުޅާއަށް ކޭޝްއިން ދިވެހި ފައިސާވެސް ލިބުނު ވާހަކަ އަޅުގަނޑު ގާތު ބުނި،"
ޑޮލަރު ވިއްކާނެ މީހަކު ހޯދަން މުހައްމަދު އިސްމާއީލް ގުޅުއްވި މީހުންގެ ތެރެއިން، ޔޫސުފް ނައީމު ނޫން އިތުރު މީހެއްގެ ނަން ހަނދާން އެބަހުރިތޯ، ނުވަތަ އެނޫން އެހެން މީހަކާ ގުޅިތޯ، ދައުލަތުން ސުވާލު ކުރުމުން ދިފާއުން އެ ސުވާލަށް އިއުތިރާޒު ކުރިއެވެ. ދިފާއުން ބުނީ ދައުލަތުން ބޭނުން ޖަވާބެއް ނުދިނުން އެއީ ވަކި ކަމެއް ކަމަށާއި، ހެކިވެރިޔާގެ ކިބައިން ވަކި ޖަވާބެއް ހޯދާ އުސޫލުން ސުވާލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ގާޒީ އެ އިއުތިރާޒު ގަބޫލު ނުކުރައްވައި ހަނދާން ހުރި މިންވަރަކުން އެ ސުވާލަށް ޖަވާބު ދިނުމަށް އެންގެވިއެވެ.
ޖަވާބުގައި ޝާޑު ވިދާޅުވީ، "މިއިންނެވި ޔޫސުފު ނައީމަށް ގުޅުއްވި،" ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ ކުރާ ސުވާލަށް ހެކިވެރިޔާ ޖަވާބު ނުދޭކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ވަކި ޖަވާބެއް ދޭން ހެކިވެރިޔާއަށް ނޭންގޭނެ ކަމަށެވެ. އަދި އެއީ ހެކިވެރިޔާ ދޭން ބޭނުންވާ ޖަވާބުކަމަށް ޝަރީއަތުން ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. ދެންވެސް ޝާޑް ވިދާޅުވީ، އޭނާގެ ހާޒިރުގައި މުހައްމަދު އިސްލާއީލް ޔޫސުފު ނައީމަށް ގުޅުއްވި ކަމަށެވެ.
ދެން ދައުލަތުން ސުވާލު ކުރެއްވީ، ޔޫސުފް ނައީމަށް ޑޮލަރު ލިބުނު ގޮތް ޝާޑާ ހިއްސާކުރިތޯއެވެ. އެ ސުވާލަށް ދިފާއުން އިއުތިރާޒު ކުރެއްވިއެވެ. ދިފާއުން ބުނީ، އެއީ އެ ހެކި ހާޒިރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން ކަމަށާއި، އެއީ ޑޮލަރުގެ މުއާމަލާތް ކުރިގޮތް ސާބިތު ކުރުމަށް ހުށަހެޅި ހެއްކެއް ނޫން ކަމަށެވެ. އަދި އެކަން އޭނާއަށް ނޭނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ދިފާއުގެ އިއުތިރާޒު ގާޒީ ގަބޫލު ނުކުރައްވައި ޖަވާބު ދެއްވުމަށް އެންގެވިއެވެ. ނަމަވެސް ޝާޑު ހަމަ ކުރިންވެސް ވިދާޅުވި ގޮތަށް އެ މައުލޫމާތު ތަކުރާރު ކުރެއްވިއެވެ.
މި މައްސަލައިަގއި މިއަދު ތިން މީހެއްގެ ހެކިބަސް ނެގިއެވެ.
މުހައްމަދު އިސްމާއީލް އާއި ޝާޑުގެ އިތުރުން އަބުދުﷲ ރަޝީދު ކިޔާ މީހެކެވެ. އޭނާ ބުނީ އޭނާއަކީ ޔޫސުފް ނައީމަށް ރައީސް ޔާމީން ދެއްވި ފައިސާ ގުނައި އެ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމުގައި އުޅުނު މީހެއް ކަމަށެވެ.