ޚަބަރު

އާ މަޖިލިސް ވާނީ ސަރުކާރަށް ހައްލު ހޯދައިދެވޭ ރައްޔިތުންގެ ފިކުރު އިސްކުރާ މަޖިލީހަކަށް: ޖަމީލު

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް ވާން ވާނީ ސަރުކާރަށް ހައްލުތައް ހޯދައިދެވޭ އަދި ރައްޔިތުންގެ ފިކުރު އިސްކުރާ މަޖިލީހަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލިމާލޭ ދާއިރާއަށް ކުރިމަތިލައްވާ ޖަމީލު މިހެން ވިދާޅުވީ އެ ޕާޓީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ އެ އަންނަ މަޖިލީހަކީ ވަކި ބަޔަކަށް ފައިދާކުރާ ގޮތަށް އަންނަ މަޖިލީހެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންވެސް މިކަމާ ފުންކޮށް ވިސްނާވަޑައިގެން ދެން އޮންނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ގައުމީ ފިކުރާއި ގައުމީ ވިސްނުމާއި ދިވެހި ރައްޔިތުންގެ ވިސްނުން އިސްކުރާ މަޖިލީހަކަށް ހެއްދެވުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް، ރިޔާސީ ނިޒާމެއްގައި ވާން ޖެހޭނީ ފާރަވެރިވާ އުފެއްދުންތެރި، ބިނާކުރުވަނިވި، އިލްމީ އަދި ތަފާތު ދާއިރާތަކުގެ މައްޗަށް ހިމެނޭ މަޖިލީހަކަށް ކަމަށެވެ.