ހދ. ކުމުންދޫގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭގޮތުގައި ކުމުންދޫގެ ވަލުތެރޭގައި މިއަދު ހަވީރު ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 3:32 ހާއިރު ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން، ކުޅުދުއްފުށިން ކުމުންދޫއަށް ގޮސް މިއަދު ހަވީރު 4:03 ހާއިރު އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކުމުންދޫގެ ވަލުތެރޭގެ 700 ފޫޓް ވަރުގެ ބޮޑު ސަރަހައްދެއްގެ އެކި ހިސާބުތަކުގައި ރޯވެފައި އޮތް އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 8:41 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެ ހާދިސާގައި ކުމުންދޫ ވަލުތެރޭގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފައެވެ. އެހެންނަމަވެސް އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.