ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުއަގުގައި ގޯތި ވިއްކުމަކީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް: އިބޫ

މުހައްމަދު އައުޒަމް

ނުއަގުގައި ގާނޫނާ ޚިލާފަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކޮށް ބިން ވިއްކުމަކީ ރައްޔިތުންނަށް ކުރެވޭ ނުހަނު ބޮޑު ބޭއިންސާފެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި މާލޭ ރައްޔިތުންނަށް ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާއިރު، އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ފާހަގަކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަކުރާރުކޮށް އެންގުމުން ވެސް އަވަސް އަރުވާލައިގެން ގޯތި ވިއްކާތީ ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލާގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުން މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ތަކުރާރުކޮށް، ބިން ވިއްކުމުގެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވީނަމަވެސް އެ މަސައްކަތް ކުރިއަށްގެންދާތީ އެކަން ކުށްވެރި ކުރަމެވެ. އޭސީސީން އެ މިނިސްޓްރީއަށް އަންގާފައި ވަނީ ދެގޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ބެލޭނެ ދެފުށް ފެންނަ އުސޫލެއް އާންމުކޮށްފައިނުވުމާއި، ބިއްވިއްކުމަށް އިއުލާންކޮށްފައި ވަނީ އެކަމަށް އެކަށީގެންވާމުއްދަތެއް ނުދީ ކަމަށާއި އެއީ ބިމާ ބެހޭ ގާނޫނާ ޚިލާފު ކަމެއް ކަމުގައެވެ،" އިބޫގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޯތި ވިއްކުމުގެ އެ މަޝްރޫއުގައި ސުވާލު އުފެދޭ އެތައް ކަމެއް އެކުލެވޭކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މިކަންކަމުގެ ތެރޭގައި، ބިން ވިއްކުމަށް ކަނޑައަޅާފައިވާ ބޭއިންސާފު އުސޫލުން ބިން ވިއްކުމުން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމުގައި ފަންނީ ތަޖުރިބާކާރުން އަދި މިނިސްޓްރީ އޮފް ހައުސިން އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ،" އީބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ މުވައްޒަފުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، މިހާރު ބިން ވިއްކަމުން ގެންދާ އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންވާ ފަރާތްތަކަށް ބިން ނުވަތަ ބޯހިޔާވަހިކަން ނުލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހިނެނޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ ވިއްކާ ބިން ނަހަމަގޮތުގައި ބޭނުންކޮށް، އެ ބިންތައް ބޮޑުއަގުގައި ސެކަންޑަރީ މާކެޓަށް ވިއްކުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެފަދަ ގޮތަކަށް ހުޅުމާލެއިން ބިން ވިއްކުމުން މުސްތަގުބަލްގައި ހުޅުމާލެއަށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފައިދާހުރިގޮތަށް ބިންދޫނުކުރެވިދާނެ ކަމަށް އެޗްޑީސީގެ ފަންނީ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވެރިކަމުގެ ބާރުތައް ބަދަލުވާ ބަދަލުވާ މި މުހިންމު މަރުހަލާގައި އުސޫލުން ބޭރުން ކަނޑައަޅާ މިފަދަ ސިޔާސަތުތައް ބަލައިނުގަންނާނެ ކަމަށް ވެސް އިބޫގެ އޮފީހުން ބުންޏެވެ.

"ގާނޫނާ ޚިލާފަށް ހިންގާ ކަންކަން ތަހުގީގުކޮށް، ނުހައްގުން ކުރެވިފައިވާ ކަންކަން ބެލޭނެ ކަމުގައި ވެސް ދަންނަވަމެވެ،" އިބޫގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އިބޫގެ އޮފީހުން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ ކަންތައް ކުރިއަށްގެންދަނީ އޭސީސީން އަންގާފައިވާ ގޮތިގެމަތިން ކަމަށެވެ.