ރައްޔިތުންނާ ވީހާވެސް ކައިރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން،، އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި އާސަންދައަށް ހާއްސަ ޑެސްކެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެކި ރަށްރަށުން ރައްޔިތުންނާ ކައިރިން އާސަންދައިގެ ހިދުމަތް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި އިއްޔެއިން ފެށިގެން އާސަންދައިގެ ހިދުމަތް ލިބެމުންދާނެ ކަމަށެވެ.
"މިއަދު ކުޅުއްދުފުށި އަދި އައްޑޫސިޓީގައި އާސަންދަ ޓެސްކެއް ގާއިމުކޮށް އާސަންދައިގެ ހިދުމަތް ދެވޭނެ ނިޒާމު ގާއިމް ކޮށްފި. ރަށުގައި ރައްޔިތުންނަށް އަތްފޯރާ ހިސާބުގައި މިއަދުން ފެށިގެން އެ ފަސޭހަތައް ލިބޭނެ،" މިއުވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އާސަންދައިގެ ހިދުމަތް ހޯދަން މާލެއަށް ގުޅަން ޖެހޭތީ އާއްމު ރައްޔިތުންނާއި ކައުންސިލްތަކުންނާއި ހޮސްޕިޓަލްތަކުން ކަންބޮޑުވުން ފާޅުކޮށް، ރައީސަށް ދަންނަވާފައިވާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ރައީސް ސޯލިހު ވެވަޑައިގެންނެވި މުހިއްމު ވައުދެއް މިއަދު ފުރިހަމަވެގެން ދިޔައީ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީން މި ހިދުމަތް ލިބޭނެގޮތް މިހާރު ހެދި ނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުންވެސް އެ ހިދުމަތް ލިބޭނެގޮތަށް ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.