ސަރުކާރުގެ މެނިފެސްޓޯތައް އެކުލަވާލީ ހުރިހާ ޕާޓީތަކެއް ގުޅިގެން ކަމަށާއި އެހެން ވުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭނީ ކޯލިޝަނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ވައުދުތައް ވެފައި މެނިފެސްޓޯތައް ހަދާފައިވަނީ ޕާޓީތައް ގުޅިގެން އެކީގައި ކަމަށެވެ.
އެހެންނަމަވެސް އެ ވައުދުތައް ފުއްދައިދިނުމަށްޓަކައި ވަކި ޕާޓީއަކަށް މެޖޯރިޓީ ކޮންމެހެން އޮންނަން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެނޫން އެހެން ގޮތަކަށް މިކަން ހިނގައްޖެ ނަމަ އަޅުގަނޑަށް ކަށަވަރު، އިހައް ދުވަހާއި އޭގެ ކުރީ ދުވަހު ފަދައިން މޫނު ބަލާ ލޯގަނޑު ފަދައިން އެބަ ފެނޭ ކަންތައް ވެގެންދާނެ ގޮތް. އެގޮތް ވާން ދިވެހި ރައްޔިތުން ބޭނުމެއް ނުވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޑިމޮކްރެޓިކް ހަޔާރެއްގައި އެއް ބައެއްގެ ބާރު ގަދަ ވެއްޖެ ނަމަ ކޮންޓްރޯލެއް ނޯންނާނެ ކަމަށެވެ.