ޚަބަރު

ރައީސް ޔާމީން އަނެއްކާވެސް ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާދޭން ފަށައިފި

އަހުމަދު ޖައިޝަން

މަނީލޯންޑްރިންގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރައްވާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް އެމަޖެންސީކޮށް އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާދޭން ފަށައިފިއެވެ.

ވަރަށް ކުއްލި ގޮތަކަށް ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ވެސް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް އުޅޭކަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށާއި އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ކުރިން ވެސް ފަރުވާ ދެމުންދިޔަ ހިތުގެ މައްސަލައަށް ކަމަށެވެ.

"ކަރެކްޝަންސް އިން ބުނީ ކުރި ވެސް ގެނައި ކަންތަކާ ކަމަށް. އަދިވެސް މައްސަލަތަކެއް އުޅޭ ކަމަށް ބުނީ،" ރައީސް ޔާމީންގެ ވަކީލު ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ދާދި ދެންމެއަކު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވެސް އައިޖީއެމްއެޗަށް ވަޑައިގެންފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން އޮންލައިން"އަށް ވިދާޅުވީ ކަރެކްޝަންސްގެ ޑޮކްޓަރުގެ ލަފާގެ މަތިން މިރޭ 8:50ގައި ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ޔާމީނަށް އައިޖީއެމްއެޗްގައި، ފަރުވާދިނުމަށްފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމަނިކުފާނު ޖަލަށް ގެންދިޔަ ފަހުން އައިޖީއެމްއެޗުން ފަރުވާ ހޯދާ މިއީ ތިންވަނަ ފަހަރެވެ.

ހިތުގެ ޑޮކްޓަރުގެ ލަފާގެމަތިން 24 ގަޑިއިރަށް ރައީސް ޔާމީން ފުރަތަމަ އެޑްމިޓްކުރީ 20 ވަނަ ދުވަހުއެވެ. އެފަހަރު އެމަނިކުފާނު ވަނީ 24 ގަޑި އިރު ފަހުން އަނބުރާ މާފުއްޓަށް ގެންގޮސްފަ އެވެ.

ރައީސް ޔާމީން ދެވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހެވެ.