އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 1:50 އެހާކަންހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓު ހިނގީ، މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކެރޭން ލޮރީއަކުން ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ލޮރީން ޖެހުމުން އެމީހާ ބިންމައްޗަށް ވެއްޓުނު ކަމަށާއި އެ ވަގުތު ލޮރީ އެމީހާގެ ގައި މަތިން ދިޔަ ކަމަށެވެ.
އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ފަރުވާ ދެމުންދާ މީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށާއި އަދި ބޮލަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. އޭނާގެ ފުއްޕާމެއަށާއި ހަށިގަނޑުގެ އިތުރު ތަންތަނަށްވެސް އަނިޔާވެފައިވާ ކަމަށް މީޑިއާ ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވިއެވެ.