އިބްރާހިމް ޒަކީ
ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވައިލި "ހުދު ކަރުދާސް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ބެލުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅި މި "ހުދު ކަރުދާސް" މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި "ހުދު ކަރުދާސް" ގައި ދައުލަތުން ބަދަލުދޭނެ އުސޫލެއް ހެދުމަށް އޭސީސީން ވަނީ ލަފާދީފައެވެ.
ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ "ސެޓްލްމެންޓް ކޮމިޓީ" އިން، އެ މައްސަލަތައް ނިންމުމަށް އުސޫލެއް އޮތް ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިޔާއަތް ކުރާނެ ވަކި ކަންތައްތަކެއް އޭގައި ތަފުސީލުކޮށްފައި ނެތުމުން އެކި މައްސަލަތައް އެކިގޮތްގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށްވެސް އެ ކަރުދާހުގައި ބުނެފައިވެއެވެ.
ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީ، އެ ގޮތަށް ނަގާ ފައިދާ ލިބިގަތުމުގެ ފުރުސަތު އޮތުމުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ކަމާބެހޭ އުސޫލުގައި ހިމަނަންޖެހޭ ކަންތައްތަކުގެ ލަފާއެއްވެސް މި ކަރުދާހުގައި އޭސީސީން ދީފައިވެއެވެ.