ވަޑާންކުރުމާ ގުޅޭ ތަފާތު އެކި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމުގެ އިންތިޒާމު ހަޖަމެއްސުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން އެފަދަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ފަށައިފި އެވެ.
ބީސީސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ފަރުނީޗަރު އުފައްދައި ވިއްކުމަށާއި، އެ ކޯޕަރޭޝަނުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކާޕެންޓްރީ މޭކާ ސްޕޭސްގައި ވަޑާމުގެ އެކިއެކި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ.
ބީސީސީން ބުނީ އެފަދަ ދަފުތަރެއް އެކުލަވައިލުމުގެ މަގުސަދަކީ ވަޑާންކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، އެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން https://forms.office.com/r/uwvYcpS6Pt މެދުވެރިކޮށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީކުރުމަށް ބީސީސީން ވަނީ އެދިފައެވެ.
ބީސީސީ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސްނަގައިގެން އެމްއެސްއެމްއީ ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިންގާ ފަރާތެއްގެ ގޮތުގައި، 2017 ވަނަ އަހަރު އުފެއްދި ދައުލަތުގެ އެންޓަޕްރައިޒެކެވެ. އެ ކޯޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ، ކުދި ވިޔަފާރިތައް ދެމެހެއްޓުމާއި، ބޮޑުކުރުމާއި، ކުރިއެރުމަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ އެކިއެކި ސަޕޯޓް މެކޭނިޒަމްތަކުގެ ތެރެއިން، މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީ) އަށް ފަސޭހަ އަދި އިންކްލޫސިވް ވިޔަފާރީގެ މާހައުލެއް އުފެއްދުމެވެ.