ޚަބަރު

34 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަހުމަދު ޖައިޝަން

އިބްރާހީމް ޝިހާބުގެ ތަށްޓަށް ވާދަކުރާ 34 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ މިއަހަރުގެ ވާހަކަ ދެއްކުމުގެ މުބާރާތަކީ އެހެން އަހަރުތަކާ ހިލާފު މުބާރާތަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޕްރީ ސްކޫލުގެ އުމުރުފުރައިން ފެށިގެން ކުދީންނަށް ބައިވެރިވެވޭނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ތައުލީމުދޭ ނިޒާމުގައި ހިމެނޭ ހުރިހާ މަރުހަލާއެއްގެ ދަރިވަރުންނަށްވެސް ފުރުސަތު ދެވޭގޮތަށް މިއަހަރު ބައްޓަން ވެގެން އިއުލާނު ކުރެވިފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތް ވަނީ ހަތަރު ބަޔަކަށް ބަހާލެވިފައެވެ. އެއީ ސްކޫލުތަކުގެ ބަޔާއި މަތީ ތައުލީމުގެ ބަޔާއި 18 އަހަރުން މަތީން އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން އޮފީސް ނުވަތަ ކުންފުނި އަދި ޖަމިއްޔާތަކުގެ ބައެވެ.

ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މުބާރާތުގައި ވާހަކަދައްކާނެ މައުލޫތައް ކަނޑައަޅާނީ ދިވެހި ބަހުގެ އެކެޑެމީން ކަމަށާއި އެ މައުލޫތައް އެންމެ ލަސްވެގެންވެސް މުބާރާތް ފެށުމުގެ 15 ދުވަސް ކުރީން އިއުލާނުކުރާނެ ކަމަށް އެކެޑަމީން ބުނެއެވެ.

ގައުމީ ވާހަކަދެއްކުމުގެ މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.