ޚަބަރު

ދައުލަތުން 18 މިލިއަނެއްހާ ރުފިޔާ ޕީޕީއެމްއަށް ލިބެން ޖެހޭ: އަބްދުއްރަހީމް

އަހުމަދު ޖައިޝަން

ދައުލަތުގެ ފަރާތުން ޕީޕީއެމްއަށް ޖުމްލަ 18 މިލިއަނެއްހާ ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ތިންވަނަ މަހަށް އެޅި އިރު ސަރުކާރުން ޕީޕީއެމްއަށް މިއަހަރު ދޭންޖެހޭ ފައިސާވެސް އެ ފައިސާގެ ތެރޭގައި ހުންނާނެ ކަމަށެވެ.

ޕީޕީއެމް އިން އައިލެންޑް އޭވިއޭޝަނަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ދެއްކެން އަންނަނީ ދައުލަތުން ޕާޓީއަށް ލިބެން ޖެހޭ ފައިސާ ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް އޮތިއްޔާ އެ ފައިސާ އުނިކޮށްފައި ބާކީ ފައިސާ ދޭށޭ. މިސާލަކަށް އަޅުގަނޑުމެންގެ އެބަ އޮތް 3.8 މިލިއަން ރުފިޔާ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ކުރި ދަތުރުތަކަށް ޕީޕީއެމް އިން އެބަ ދައްކަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ފައިސާ ނުދީފައިވަނީ ކޯޓުގައި ޕީޕީއެމްގެ މައްސަލައެއް އޮތުމުން ކަމަށްވިޔަސް މިހާރު އެ ފައިސާ ނުލިބެންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

"ސުޕްރީމް ކޯޓުން އަޅުގަނޑުމެންނާ އެއްކޮޅަށް މައްސަލަ ނިމުނު ދުވަހު، އަޅުގަނޑުމެންނަށް އެނގިފައިވާގޮތުން އީސީން ވަނީ ފިނޭންސަށް އެ ފައިސާ، ޕީޕީއެމްއަށް ދޫކުރަން އަންގާފައި. އަޅުގަނޑުމެން ވާނީ އެ ފައިސާ ހޯދުމަށް ފިނޭންސަށް ލިޔެފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.