ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަކީ ކުރަންޖެހިފައި އޮތް ކަމެއް: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ވަޒީފާގައި އަންހެނުންނަށް ދަރިންގޮވައިގެން އުޅެވޭނެ މާހައުލެއް އޮންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިވިލްސާވިސްގައި އުޅޭ އަންހެނުން ވަކި ހިސާބަކުން ވަޒީފާއިން ވަކިވާންޖެހޭ ކަމަށެވެ.

އެގޮތުން ކައިވެނި ކުރުމާއެކު ވަޒީފާއިން ވަކިވާ އަންހެނުންނާއި ދަރިން ލިބުމުން ވަޒީފާއިން ވަކިވާ އަންހެނުން ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

''ވަޒީފާއަށް ދިއުމަށް އަންހެނުންނަށް ދަތިވަނީ ޒަވާޖީ ހަޔާތެއް ފެށުމުން، އެހެން ނޫނީ ދަރިއަކު ލިބޭ ހިސާބުން. އެހެންކަމުން ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަކީ ކުރަން ޖެހިފައިއޮތް ކަމެއް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފަޚުރުވެރި އާއިލާއެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނީ ތުއްތު ދަރިފުޅު އުފަންވާ ހިސާބުންނެވެ.

ރައީސް ވިދާޅުވީ އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަގާފަތް ނައްތާލަންޖެހޭ ކަމަށާއި ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިވިލްސާވިސްގައި ތިބި މުވައްޒަފުންނަށް ބަލާއިރު ވެސް އަންހެނުން ބޮޑުތަނުން އިތުރު ކަމަށާއި ތައުލީމީ ގާބިލު މުވައްޒަފުންނަށް ބަލާއިރުވެސް އަންހެނުން އިތުރުކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ އެންމެ މަތީ މަގާމުތަކުގައި ވެސް އަންހެނުން އަންނަނީ ގައުމުގެ ކަންކަން ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންކަމަށެވެ.

އަދި މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައިވެސް ވަރަށް ގާބިލު އަންހެން ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާ މެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންހެނުންގެ ދުވަހު ރައީސް ދެއްކެވި އެވާހަކަފުޅުގައި ސިވިލްސާވިސްގެ އަންހެން މުވައްޒަފުން ވިހާ ދުވަހުންފެށިގެން މުސާރައާއެކު ހަމަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެ، ފިރިހެނުންނަށްވެސް އަންހެންމީހާ ވިހެއުމުން އެއް މަހުގެ ޗުއްޓީއެއް މުސާރައާ އެކު ދިނުމަށް ވަނީ ނިންމާފައެވެ.