ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިއާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް ހުށަހަޅައިފިއެވެ.
ގެމްބިއާ ސަރުކާރުން ޑިޕްލޮމޭޓުން ތަމްރީނުކުރުމަށް ރާއްޖޭގެ އެހީއަށް އެދިވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުސްތަފާ ޖަވާރާ، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި މުސްތަފާ ޖަވާރާ ވަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެގައުމުގެ މެދުގައި މައުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުގުވެރިިކަން ވެސް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުސްތަފާ ޖަވާރާ ވަނީ ގެމްބިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށާއި ދެގައުމުން ހިއްސާކުރާ އިސްލާމީ އަދި ތާރީހީ ގުޅުންތަކާއި ދިމިގުރާތީ އަސާސްތަކުގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ގެމްބިޔާއިން ހުށައަޅާފައިވާ މައްސަލައަށް، ރާއްޖެއިން ތަދައްހުލްވެފައިވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އާއި ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރާކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އާއި ގެމްބިޔާގެ އާ ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވައިފައެވެ.
ރާއްޖެއިން ގެމްބިޔާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގައެވެ