އެސްޓީއޯގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމުން އެއް މަހުގެ ޗުއްޓީ ދިނުމަށް އެސްޓީއޯ އިން ނިންމައިފިއެވެ.
އެސްޓީއޯ އިން މިކަން އާންމުކޮށް އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ އޮފިޝަލް ޓުވިޓާ އެކައުންޓު މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ވިހެއުމާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި އަނބިމީހާ ވިހެއުމުގެ ސަބަބުން ފިރިހެން މުވައްޒަފުންނަށް މުސާރައާއެކު އެއް މަހުގެ ޗުއްޓީ ދިނުމަށް ވަނީ ނިންމައިފައެވެ.
ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފުންނަށް ހަ މަހުގެ ޗުއްޓީ އަދި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިމީހާއަށް އެއް މަހުގެ ޗުއްޓީ ލިބޭގޮތަށް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އެގޮތުން މީގެ ކުރިން ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުން މި އުސޫލުގެ ދަށުން ޗުއްޓީ ދިނުމަށް ނިންމާފައިވާ އިރު މިއަދު މާފުށީގައި ކުރިއަށް ދިޔަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު މިއަދުން ފެށިގެން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.