ޚަބަރު

މާފުށީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކޮށްފި

2

ކ.މާފުށީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލް ޖުމްހޫރިއާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފިއެވެ.

މި ކަންކަމާ ބެހޭ މައުލޫމާތު ރައީސްއަށް އަރުވާފައިވަނީ، އެމަނކުފާނު މިއަދު އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފުށީ ކައުންސިލްގެ މެންބަރުންނާއި، އެރަށުގައި ހުންނަ ސަރުކާރު މުޢައްސަސާތަކުގެ އިސް ވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.

މިއަދު މެންދުރުފަހު މާފުށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާފުށީގެ މިހާރުގެ ހާލަތާއި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާއީ މައްސަލަތައް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރައްވައިފައެވެ.

މިގޮތުން، މާފުށީގެ ބިމުގެ ދަތިކަމާއި، ގެދޮރުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކުނި މެނޭޖްކުރެވެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކައުންސިލުން ވަނީ ހާއްސަގޮތެއްގައި ފާހަގަކުރައްވައިފައެވެ. ކައުންސިލުގެ މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މަގުތައް އަޑިގުޑަން ވުމުން ދިމާވާ ދަތިތަކާއި، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސް ވެރިން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ ދަތިކަން ފާހަގަކުރެއްވިއެވެ.

އަދި ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޖާގަ ނެތުމާއި، ސްޓެލްކޯގެ ތެލުގެ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ޖާގަނެތުމާއި، ރަށުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މުހިންމުކަމާއި، މާފުށީ ޖަލުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟