ޚަބަރު

ރަހުމަަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން ޑުރަގާ ހަވާލުވި މީހަކު، ބޮޑު ޖޫރިމަނާއަކާ އެކު އުމުރަށް ޖަލަށް

އަލީ ޔާމިން

ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން މަސްތުވާތަކެއްޗާ ހަވާލުވި މީހަކު ބޮޑު ޖޫރިމަނާއަކާއެކު އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ދައުވާއަކީ 11 ޑިސެންބަރު 2019 ދުވަހުގެ 6:45 އެހާކަންހާއިރު ލ. ގަން/ ތުނޑި އަމްސާޕެލަސް އަބްދުﷲ ސައީދު، އެމްއެމްއޭ ކުރިމަތީގައި އޮތް "ސީވިއު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗަކުން މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އޭނާ އެ ލޯންޗުގައި އިންދައި ފެނިގެން ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރި އިރު، އޭނާ ލައިގެން ހުރި ޖިންސުގެ ވާތްފަރާތު ކުރިމަތީ ޖީބުން ފެނުނު އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ހަތަރު ރަބަރު ޕެކެޓުގައި 19.96 ގްރާމް ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީއާއި އެ ފެނުނު މަސްތުވާތަކެތި ރ. އުނގޫފާރަށް ފޮނުވުމަށްޓަކައި އަބްދުﷲ ސައީދުއާ ހަވާލުކުރި ގއ. ދެއްވަދޫ/ ނޫމުތިގެ، އަޒުވަދު މުހައްމަދު ކަމަށް ބުނެ އެ ދައުވާއަށް އަޒުވަދު އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކިންގެ ދައުވާއެކެވެ.

މި ދައުވާއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އަޒުވަދު ވަނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި އެ މަސްތުވާތަކެއްޗަކީ އޭނާގެ މަސްތުވާތަކެތި ނޫން ކަމަށް ބުނެފައެވެ. އަދި ތަހުގީގު މަރުހަލާގައި އެއީ އޭނާގެ މަސްތުވާތަކެތި ކަމަށް އިއުތިރާފުވެފައި ވަނީ އޭނާގެ ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކޮށްދިނުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.

މި ދައުވާއަށް އަޒުވަދު އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ. އެގޮތުން ޝަފައީ ހެކީގެ ގޮތުގައި ހަތް ހެއްކެއް ހުށަހަޅާފައިވާއިރު ކިތާބީ ހެކީގެ ގޮތުގައި ދެ ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި މާއްދީ ހެކިތައްވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި އިފުތިތާހީ ބަޔާން ހުށަހަޅަން އަޒުވަދަށް ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވާ ކަމަށާއި ދައުވާއަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ބުނެފައެވެ،

އެހެންވެ، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝައްކެއް ނެތް މިންވަރަށް އަޒުވަދުގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންވެ، އެކަމުގެ އުގޫބާތެއްގެ ގޮތުން އަޒުވަދު އުމުރަށް ޖަލަށްލުމާއެކު 200،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމްކުރައްވައިފައެވެ.