ބޭސް ގަންނައިރު މުއްދަތު ހަމަވެފައިވާނަމަ ފޮޓޯއާ އެކު އެކަން އާސަންދައަށް ރިޕޯޓްކުރަން އެކުންފުނިން އެދިއްޖެއެވެ.
އާސަންދައިން ފޭސްބުކުގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ބޭސް ނަގާއިރު ބޭހުގެ މުއްދަތު ހަމަވާ ތާރިހު ނެތް ނަމަ ބޭސް ނުނެގުމަށް އެދޭ ކަމަށެވެ. އަދި ފާމަސީން ދިނީ ބޭސް ސިޓީގައިވާ ބޭސްކަން ޗެކުކުރުމަށް ވެސް އާސަންދައިން ވަނީ އެދިފައެވެ.
"ބޭސް ނަންގަވާއިރު އެކްސްޕައިރީ ޑޭޓް ޗެކްކުރައްވާ އެކްސްޕައިރީ ޑޭޓް ނެތްނަމަ ބޭސް ނުނަންގަވާ. ބޭސް ފިހާރައިން ދިނީ ބޭސް ސިޓީގައިވާ ބޭސްތޯ ޗެކްކުރައްވާ. މައްސަލައެއް ފާހަގަވާނަމަ ފޮޓޯއާއެކު އާސަންދައަށް ރިޕޯޓުކުރައްވާ،" އާސަންދައިން ބުންޏެވެ.
ބޭހުގެ މުއްދަތު ހަމަވެފައިވާ ނަމަ ނުވަތަ މައްސަލައެއް ފާހަގަވެއްޖެ ނަމަ ރިޕޯޓުކުރަން އާސަންދައިން އެދިފައި މިވަނީ އިއްޔެ ފޭސްބުކުގައި މީހަކު މުއްދަތު ހަމަވެފައިވާ ބޭހެއް ފާމަސީއަކުން ވިއްކި ކަމަށް ބުނެފައިވަނިކޮށެވެ. މީގެ އިތުރުންވެސް ބައެއް ފަރާތްތަކުން ވަނީ އަގު ބޮޑުކޮށް ބޭސް ވިއްކާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.