ލައިފް ސްޓައިލް

މާބައިދޫ "ގައްޑާ ބީޗު"، ހިނގާލަން ނުކުތް ޒުވާނެއްގެ އާދަޔާ ހިލާފު ޝައުގު ރަށުގެ ހިތްފަސޭހަ މައިޒާނަށް

މަރިޔަމް ޝަފާ އިބްރާހިމް

1

އަތޮޅުތެރޭގެ، ރަށްތަކުގެ އެންމެ ހިތްގައިމު އެއް ކަމަކީ ރަށްތަކުގެ އަތިރިމަތިތަކާއި ހެދިފައި އޮންނަ ބީޗްތަކެވެ. ލާމު އަތޮޅު މާބައިދޫގައި އޮންނަ މާ ތަފާތު ނަމެއް ކިޔާ އެހެނަސް އަދު އެރަށު މީހުންގެ ހިތްފަސޭހަ މައިޒާންތަކުގެ ތެރޭގައި ގުނާލެވޭ އެއްތަނަކީ "ގައްޑާ ބީޗެވެ". މިގޮނޑުދޮށުގެ ނަމުން މިތަނާމެދު ޝައުގުވެރިކަމެއް އުފެދެއެވެ. ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސޯޝަލްމީޑިޔާގައި ހިއްސާ ކުރާ ފޮޓޯތަކާއި ބުނެފައި ހުންނަ ބަސްތަކުން މިއީ ފިނިވައި ޖެހޭ، ރަށުގައި އޮންނަ ވަރަށް އަރާމު ހިސާބެއްކަން ދޭހަވެއެވެ.

ލާމު މާބައިދުއަށް އުފަން، މިހާރު ކ. މާފުށީގައި މީހަކާ އިނދެގެން ދިރިއުޅެމުން އަންނަ، އަހުމަދު އިމްރާން (ގައްޑާ) ރަށަށް ކުރި ދަތުރެއްގައި އަތިރިމައްޗަށް ނުކުތީ ހިނގާލަން ނަމަވެސް އޭނާގެ ހިތުގައި މިސަރަހައްދާމެދު އުފެދުނީ އާދަޔާ ހިލާފު ޝައުގެކެވެ. އެހެންކަމުން އެތަން ސާފުކޮށް އެތަނަކީ ރަށުގެ މީހުންނަށް ހިތްފަސޭހަ މައިދާނަކަށް ހެދުމަށް އިމްރާނު އިސްވެގެން ރަށު ކައުންސިލުން ހުއްދަ ހޯދައިގެން ކުދިންކޮޅެއް ގޮވައިގެން ތަން ސާފުކުރަން ފެށިއެވެ.

"ވަރަށް ހަޑިކޮށް އޮތީ، ބޯ ފަސްގަނޑެެއް އެއީ. މީހުން ވަރަށް މަލާމާތްވެސް ކުރި. ތީވާނެ ކަމެއްނޫނޭ ހުއްޓާލާށޭވެސް ބުނި." "ގައްޑާ ބީޗާ"ބެހޭ ގޮތުން "ވަން" އިން އިމްރާނާ ކިޔައިދިނެވެ. އެއީ ވާނެ ކަމެއް ނޫންކަމަށާއި މީހުން ބަލައިގަންނާނެ ކަމަކަށް ނުވާ ބޭކާރު މަސައްކަތް ނުކުރުމަށްވެސް އެއް ބަޔަކު ތަކުރާރުކޮށް ވިސްނައިދިނެވެ. މަލާމާތްކޮށް ހީނ ހެދި މީހުންވެސް ރަށުގައި މަދެއްނޫނެވެ.

އެހެންނަމަވެސް ގައުމީ ޖޯޝަކާއި ފޯރީގައި ގާތް ކުދިންކޮޅަކާއެކު، ކައުންސިލުން ދިން އެއްބާރުލުމާއި، ކައުންސިލުން ތަންސާފު ކުރުމަށް ފޯރުކޮށްދިން ތަކެތިން، ރަށުގެ ކަމުވޮށިގެންވާ ވިޔަފާރިވެރިންގެ ދީލަތި އެހީއާއެކު އިމްރާން އޭނާގެ އެ ހިތްވަރުގަދަ އަޒުމުގައި ކުރި މަސައްކަތް ވަރަށްވެސް ކާމިޔާބުކަމާއެކު ނިންމާލިއެވެ. އެހިސާބުން ރަށުގެ އެއްކަލަ ކުރިން ގަބޫލުކުރަން ދަތިވެފައި ތިބި ހަރުފުރައިގެ މީހުން އައިސް ތަނަށް ދޭނެ ނަމަކާމެދު މަޝްވަރާކޮށް، ތަނަށް ދިން ނަން ނިސްބަތް ކުރީ އިމްރާނަށް އާއްމުކޮށް ކުޑައިރުއްސުރެ ރައްޓެހިން ގޮވައި އުޅޭ "ގައްޑާ"ގެ ނަމުންނެވެ.

އޭގެ ފަހުން ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ހިތްފަސޭހަ ފިނި މައިޒާނަކަށްވީ "ގައްޑާ ބީޗެވެ". އުފަންދުވަސްތައް ފާހަގަ ކުރުމާއި ބާބަކިއުތައް ބޭއްވުމާއި، އާއިލީ ހަވީރުތަކާއި ގާތްތިމާގެ އެއްވުންތަކާއި ރައްޓެހިރަހުމަތްތެރިންގެ ބައްދަލުވުންތަކާއި ކައިވެނި ހަފުލާތަކާއި މިހެން ގޮސް އެތައްއެތައް ކަމެއްކުރާ މައިދާނަކަށްވެސް މިތަން ބަދަލުވެއްޖެއެވެ. މިއަދު އަމިއްލަ ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އިމްރާނަށް އޭނާގެ ރަށަށް އަދާކުރަން ޖެހޭ ދަރަންޏެއް އަދާ ކުރެވިފައި އޮތްފަދަ އިހުސާސެއް ކުރެވޭވަރަށް އެތަނަށް ދާމީހުންނާއި ތަންދެކެ ލޯބިވާ މީހުންގެ އަދަދުވެސް ގިނައެވެ.

މިހާރު އެއީ ރަށު ކައުންސިލުން ބަލަހައްޓާ ގޮތަށް، ތަން ހަދައި ނިންމާފައި ކައުންސިލާ ހަވާލު ކުރި ގޮތަށް، ބަރާބަރަށް ކައުންސިލުން ބަލަހައްޓަމުން އަންނަ ތަނެކެވެ. މިހާރު ދޭތެރެއަކުން މީހުން އަމިއްލައަށް އިސްނަގައިގެން ސާފުކުރާ ދުވަސްތަކުގައިވެސް އެންމެ ހާއްސަކަމަކަށް އިމްރާނަށް ތަން ސާފުކުރި ކަމުގެ ފޮޓޯތައް ފޮނުވައެވެ. އެއީ ކޮންމެ ގޮތެއްވިޔަސް ރަށުގެ މީހުން ގަބޫލު ކުރާ ގޮތުގައި އިމްރާންގެ ނަން ތަނަށް ދެވިފައި އެވަނީ ހައްގުންނެވެ. އެތަނާ ބެހޭ ގޮތުން އަބަދުވެސް އިމްރާނަށް އެނގެން ޖެހޭނެއެވެ. އެހެންކަމުން އަބަދުވެސް ކޮންމެ ކަމެއް އެތަނާ ގުޅިގެން ކުރިއަސް އިމްރާނާ ހިއްސާ ކުރުމަކީ މުހިންމު ކަމެއްކަމުގައި އެމީހުން ދެކެއެވެ.

ތަން ހަދަމުން ދިޔައިރުވެސް އިމްރާންގެ އެންމެ ބޮޑު ފިކުރަކަށްވީ، ދޭތެރެ ދޭތެރެއިން، ދުވަސްދުވަހުން، އެތަން ސާފުކޮށް ކުނިނަގައި ތާހިރުކޮށް ބަލަހައްޓާނީ ކޮންބައެއްބާއޭ ހިތަށް އަރައި ވިސްނަންޖެހުމެވެ. އެހެންނަމަވެސް ރަށު ކައުންސިލަށް އެތަން ނިންމާފައި ހަވާލު ކުރީ ކޮންމެ ގޮތެއްވިޔަސް އެއީ ރަށުގެ ތަނަކަށް ވާތީއެވެ. އިމްރާނު ކުރި މަސައްކަތުން މިއަދު މާބައިދޫ ރައްޔިތުންނަށް ނުހަނު ހިތްގައިމު ސަރަހައްދެއް އެއޮތީ އުފެދިފައެވެ.

އިމްރާނެކޭ އެއްގޮތަށް ކޮންމެ ދިވެހި ދަރިޔަކަށްވެސް ތިމާ އުޅޭ ރަށާއި ތިމާގެ އުފަން ފަސްގަނޑުގައި ހަޑިވެ، ބޭކާރުވެފައި އޮންނަ ސަރަހައްދެއް ސާފުކޮށް، އެހެން ބަޔަކަށް ބޭނުން ކުރެވޭނެހެން ތައްޔާރުކޮށްދެވިދާނެއެވެ. ހަމަގައިމުވެސް އިމްރާނަކީވެސް ރަށްފުށުގެ އާދައިގެ ޒުވާނެކެވެ. އޭނާއަކީ ވިޔަފާރިވެރިއެއްވެސް ނޫނެވެ. އަދި ފައިސާވެރިއެއްވެސް ނޫނެވެ. އެކަމަކު އޭނަގެ މަސައްކަތުން އެތައް ބައިވަރު ބަޔަކަށް ފައިދާވެސް ކޮށްފިއެވެ. ހަމައެހެންމެ ރަށުގެ މަލަމައްޗަށާއި އަތިރިމައްޗަށް އާ ރީތި މަންޒަރެއްވެސް އިތުރުވީއެވެ. މިފަދައިން ކޮންމެ ޒުވާނަކުވެސް، ކޮންމެ ދިވެހި ފަރުދަކުވެސް އަމިއްލަ ގައުމަށާއ އަމިއްލަ ރަށަށް، ތިބާ އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާ ކުރާނަމަ ދިވެހިރާއްޖޭގެ ރަށްތަކުގެ ޒީނަތް އިތުރުވެގެން ދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟