ޝަހީދާ އަބްދުﷲ ސައީދު
ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ ގޮނޑީގެ ވިހި އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކޮށް އަންހެނުން އިތުރުކުރުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެކެވެ.
''ކައުންސިލު ގޮނޑީގެ 20 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވަން މިހާރު އަޅުގަނޑުވާނީ ނިންމާފައި. އެބިލު ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނަން.'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ގައުމު އޮތް ހާލަތުން އެއަށްވުރެ މަތީ މަރުހަލާއަކަށް ގެންދެވޭނީ އަންހެނުން ބާރުވެރިކޮށްގެން ކަމަށެވެ. އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ހައްގު މަގާމު ހޯދައިދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންނަކީ ގައުމު ފަހުރުވެރިވާ ފަދަ ބައެއް ކަމަށާއި އަންހެނުންނަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގައިވެސް ލާމަސީލު ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.