މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުން ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މއ. ބޮޑުދަހަރަގެ، ޑރ. މުހައްމަދު ކިނާނަތް އެވެ.
ޑރ. މުހައްމަދު ކިނާނަތް އަކީ މީގެ ކުރިން ވިލާ ކޮލެޖްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ވިލާ ކޮލެޖްގެ ރެކްޓަރ އޮފީހުގައި 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާއިރު އޭނާ ވަނީ އެ ކޮލެޖްގެ ޑިރެކްޓަރުގެ މަގާމު ފުރުއްވައިފައެވެ. އަދި ޑރ. ކިނާނަތް އަކީ އެ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގައި ޕީއެޗްޑީ ލެވެލްގެ ރިސާޗް ކުރައްވާ ބޭފުޅެކެވެ.
ޑރ. މުހައްމަދު ކިނާނަތް އަކީ ނިއުޒިލެންޑްގެ ވިކްޓޯރިއާ ޔުނިވާރސިޓީ އޮފް ވެލިންގްޓަން އިން އިންފޮމޭޝަން ސިސްޓަމްސް އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން ޑރ. ކިނާނަތް ވަނީ އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވާސިޓީން އީ-ކޮމާސްގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވައިފައެވެ.
ޑރ. ކިނާނަތް ވަނީ 2004 ވަނަ އަހަރު ގްރިފިތް އެވޯޑް ފޯ އެކަޑެމިކް އެކްސަލަންސް ހާސިލް ކުރައްވައިފައެވެ. އަދި 2007 ވަނަ އަހަރު ވަނީ ވިލާކޮލެޖުން ދޭ ގާސިމް އިބްރާހީމް އެވޯޑް ފޯ އެކަޑަމިކް އެލްސަލަން ވެސް ހާސިލް ކުރައްވައިފައެވެ.