ޚަބަރު

ބޭންކުތަކުން ޗެކު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ދަށް ކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގައި ބޭންކިން މުއާމަލާތް ތަކުގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޗެކުން ފައިސާ ޖަމާ ކުރެވޭ އަދަދާއި ނެގޭ އަދަދު ދަށް ކުރަން ބޭންކުތަކަށް އަންގައިފިއެވެ.

ބޭންކު މުއާމަލާތްތަކުގައި ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލައި އެކަން އެމްއެމްއޭއިން ވަނީ މިދިޔަ އޭޕްރީލްގައި އިއުލާނުކޮށްފައެވެ.

އެކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީން ބުނީ ރާއްޖޭގައި ހިދުމަތްދޭ ބޭންކުތަކާ ގުޅިގެން އެކުލަވާލެވިފައިވާ ދެ އަހަރުގެ އެކްޝަން ޕްލޭނަށް އަންނަ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ ޗެކު ބޭނުންކުރާ މިންވަރު 2024 ވަނަ އަހަރާ ހަމައަށް ވީހާވެސް ބޮޑަށް މަދުކުރުން ކަމަށެވެ.

އެމްއެމްއޭގެ މި އެކްޝަން ޕްލޭނުގެ ދަށުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 50،000 ރުފިޔާ (3،000 ޑޮލަރު) އިން މަތީގެ މުއާމަލާތްތަކަށް ޗެކު ބޭނުން ނުކުރެވޭނެއެވެ. އަދި ޗެކު ކްލިއަރެންސް ހިދުމަތް ދޭ ދުވަސްތައް މަދުކުރުމުގެ އިތުރުން، އެ ހިދުމަތަށް ފީ އެއް ކަނޑައެޅުން ވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް ބޭންކުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ހެން ޑިޖިޓަލް އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށާއި އެ ފަރާތްތައް އެފަދަ ހިދުމަތްތަކަށް ހޭލުންތެރި ކުރުވުމަށް ބޭންކުތަކަށް އަންގާފައިވާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހިންގާ މޮރިޝަން ކޮމާޝަލް ބޭންކު (އެމްސީބީ) އިން ބުނީ އެމްއެމްއޭގެ އެކްޝަން ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށްޓަކައި އަންނަ އަހަރުގެ އޭޕްރީލް އިން ފެށިގެން އެ ބޭންކުން ޗެކު ބޭނުންކޮށްގެން ހިންގޭނީ 50،000 ރުފިޔާ (3،000 ޑޮލަރު) އިން ދަށުގެ މުއާމަލާތްތައް ކަމަށެވެ. އަދި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްސީބީން ހިދުމަތް ހޯދުމަށް އެ ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމު ބޭނުންކުރަމުން ގެންދިއުމަށް އެ ބޭންކުން ވަނީ އެދިފައެވެ.