މަނީލޯންޑްރިންގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ޖަލުުގައި ބަންދު ކުރައްވާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އައިޖީއެމްއެޗްގައި، ފަރުވާދިނުމަށްފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
އައިޖީއެމް އެޗްގެ މީޑީއާ ކޯޑިނޭޓަރު މުހައްމަދު މުފީދުވަނީ އެކަން "ވަން އޮންލައިން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މިއަދު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވާތީ، ހޮސްޕިޓަލުން ދޫކޮށްލުމުން އެ މަނިކުފާނާ ހަވާލުވެފައިވަނީވެސް އެފަރާތުން ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިލެއްވުމަކަށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލަށް ގެންދިޔައީ ހުސްވި ފެބްރުއަރީމަހުގެ 18 ވަނަ ދުވަހުގަ އެވެ.
އެމަނިކުފާނު ޖަލަށް ގެންދިޔަ ފަހުން އައިޖީއެމްއެޗުން ފަރުވާހޯދި މިއީ ދެވަނަ ފަހަރެވެ.
ހިތުގެ ޑޮކްޓަރުގެ ލަފާގެމަތިން 24 ގަޑިއިރަށް ރައީސް ޔާމީން ފުރަތަމަ އެޑްމިޓްކުރީ 20 ވަނަ ދުވަހުއެވެ. އެފަހަރު އެމަނިކުފާނު ވަނީ 24 ގަޑި އިރު ފަހުން އަނބުރާ މާފުށްޓަށް ގެންގޮސްފަ އެވެ.
ރައީސް ޔާމީން ދެވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމްއައިބީގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ އެކައުންޓްތައްވެސް ވަނީ ފްރީޒް ކޮށްފަ އެވެ.